ފެނަކައިގެ ޚިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ 1 އަހަރާއި 7 މަހަށް ޖަލަށްލާން ހުކުމްކޮށްފި!
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ، އޭނާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2019 ވަނަ އަހަރު ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ނިންމިކަން ކަށަވަރުކުރުމެއް ނެތި، ގަވާއިދާ ޚިލާފަށް ފައިސާ ދޫކުރި މައްސަލައެކެވެ. މި އަމަލުގެ ސަބަބުން ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައަޅާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން ފުރަތަމަ ތާވަލުކުރި ތާރީޚުގައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާތީ ކޯޓަށް ހާޒިރުކުރެވިފައި ނުވެއެވެ. ނަމަވެސް، އަދަބު ކަނޑައެޅުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ، މިއީ ބޮޑު ކުށެއް ނަމަވެސް ދީނާއަކީ ތުއްތު ކުދިންތަކެއް އެކަނި ބަލަހައްޓާ މީހަކަށްވެފައި، މައްސަލައިން އޭނާއަށް ސީދާ މާލީ މަންފާއެއް ލިބިފައިނުވާތީ ކުށުގެ އަސާސީ އަދަބު ދިނުމަށް އެދިފައެވެ.
އޭނާގެ ދިފާއީ ވަކީލު ވަނީ ދީނާގެ ސިއްހީ ހާލަތަށާއި ނޭވާލުމުގެ މައްސަލަތަކަށް ރިއާޔަތްކޮށް، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާއެއް ނުވަތަ ގޭބަންދުގެ އަދަބެއް ދިނުމަށް ކޯޓުގައި އެދިފައެވެ.
ނަމަވެސް، މައްސަލަ ބައްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ، އޭނާއަކީ ޖަލުގައި ނުބެހެއްޓޭނެ ފަދަ ނާޒުކު ސިއްހީ ހާލަތެއްގައި ހުރި މީހެއްކަން އަންގައިދޭ މެޑިކަލް ލިޔުމެއް ނެތުމުންނާއި، މިފަދަ ކޮރަޕްޝަންގެ އަމަލުތަކަކީ މުޅި އިޖުތިމާއީ އަދި އިގްތިސާދީ ނިޒާމު ފަސާދަކުރާ ކަންކަން ކަމަށްވާތީ، ޖަލު އަދަބު ކަނޑައެޅުމަށެވެ. އެއާއެކު ގާޒީ ވަނީ ކުށުގެ އަސާސީ އަދަބު ކަމުގައިވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމް އިއްވަވައިފައެވެ.
މި މައްސަލައިގައި ދެން ތުހުމަތުކުރެވުނު ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް މީގެ ކުރިން ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. މީގެ އިތުރުންވެސް، ކެމެރާ ސިސްޓަމްތަކެއް ހަރުކުރުމުގެ މަޝްރޫއަކާ ގުޅޭ ކޮރަޕްޝަންގެ އިތުރު މައްސަލައެއްގެ ދައުވާވެސް ދީނާގެ މައްޗަށް ދަނީ ކުރެވެމުންނެވެ.
