ފަތުރުވެރިކަމުގައި މޮނޮޕޮލީ އޮތުމުން ކުރިއަށްދާން ހުރަސްތަކެއް އެބަހުރި - ބައްސާމު



ފަތުރުވެރި ކަމުގެ ދާއިރާގައި މަދު ބަޔަކު ހިފަހައްޓާފައިވާ މޮނޮޕޮލީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށާއި އަލަށް އަންނަ ޖީލުގެ ފަތުރުވެރި ކަމުގެ ކުންފުނިތަކަށް ކުރިއަށްދާން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި މަޓާޓޯގެ ކުރީގެ ސީއީއޯ ބައްސާމު އާދަމް ވިދާޅުވެއްޖެއެވެ.
ބައްސާމު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބަޔަކު ހިމެނޭ ވަޓްސްއަޕް ގުރޫޕެއްގައި އޭނާ ދެކޭގޮތް ހުށަހަޅުއްވަމުން ނެވެ. ބައްސާމު ވިދާޅުވީ ބޮޑެތި ކްރެޑިޓް ލައިންތަކާއި ރޫމް އެލޮޓްމަންޓްތަކަށް މާބޮޑަށް ބަރޯސާވެ، ވަކި ބައެއްގެ މަސްލަޙަތު ހިމާޔަތް ކުރަން މަޖުބޫރުވެފައިވާ މި ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށެވެ.
ބައްސާމުގެ ޚިޔާލުގައި ވިސްނަންވީ ޒަމާނީ ޓެކްނޮލޮޖީ އާއި އެންމެން ގުޅިގެން އުފައްދާ ބާރާއި ޚާއްޞަކޮށް މާކެޓްތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ފުރުޞަތު ތަކެއް ހޯދައިދޭނެ ގޮތްތަކާއި މެދުގައެވެ.
ބައްސާމު އާދަމްއަކީ ފަތުރުވެރި ކަމާއި އިވެންޓް މެނޭޖް ކުރުމުގައި ތަޖްރީބާ ތަކެއް ޙާޞިލްކޮށްފައިވާ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެކިއެކި ގޮތްގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ސަރުކާރު ހިންގަވާ ޕާޓީ ޕީއެންސީ އިސް ސަފުގައި މަސައްކަތް ކުރައްވާ އަދި މިސަރުކާރުގެ ސިޔާސަތުތައް ދިފާޢު ކުރައްވަމުން ގެންދަވާ ޒުވާނެވެ.