އޭއައި އިން ހަދާފައިވާ ލަވަކިޔުންތެރިއަކު 'ބަނޑުބޮޑުވެގެން' ބޭންޑުން ވަކިވި ހާދިސާ: އާންމުންގެ ނުރުހުމާއެކު އުފެއްދުންތެރިން މާާފަށް އެދެފި!
ޑިޖިޓަލް ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މިއުޒިކް ބޭންޑްތައް މަޤްބޫލުވަމުން އަންނަ މި ދަނޑިވަޅުގައި، މީހުން ހައިރާންކޮށްލި މަޖާ އަދި އާދައާ ޚިލާފު ހާދިސާއެއް ވަނީ ފެންމަތިވެފައެވެ. ޗައިނާގެ ކޭ-ޕޮޕް މިއުޒިކަށް ލޯބިކުރާ ކުދިންތަކެއް ވެގެން އުފައްދާފައިވާ "BABYQUEEN" ނަމަކަށްކިޔާ އޭއައި އަންހެން މިއުޒިކް ގްރޫޕެއްގެ މައިގަނޑު ލަވަކިޔުންތެރިޔާ "މިޓީ" (Mity) ބޭންޑުން ވަކިވިކަން އިޢުލާންކުރިއެވެ. ސަބަބަކަށް ބުނީ އޭނާ "ބަނޑުބޮޑުވުން" ކަމަށް ބުނެއެވެ!
މި ޚަބަރު ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ސަޕޯޓަރުންނާއި އިންޓަނެޓް ބޭނުންކުރާ ފަރާތްތައް ވަނީ ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ. ކޮމްޕިއުޓަރު ކޯޑުތަކަކުން އުފައްދާފައިވާ "ވާޗުއަލް" އިންސާނަކު ބަނޑުބޮޑުވާނީ ކިހިނެއްތޯއާއި، ބަނޑުގައިވާ ދަރިފުޅުގެ ބައްޕައަކީ ކާކުތޯ ސުވާލުއުފައްދައި، ޗައިނާގެ "ވެއިބޯ" (Weibo) ނެޓްވޯކްގައި އެކަނިވެސް 78 މިލިއަނަށްވުރެ ގިނަ މީހުން މި މައުޟޫޢަށް ބަހުސްކުރިއެވެ.
ނަމަވެސް، ކަންތައް ބޮޑުވެގެން ދިއުމުން މި ބޭންޑު އުފެއްދި ކުދިން ވަނީ އެއީ މުޅިން ހަދައިގެން ދެއްކި ވާހަކައެއްކަމަށް އެއްބަސްވެ، އާންމުންގެ ކިބައިން މާފަށް އެދިފައެވެ. އެކުދިން ހާމަކުރި ގޮތުގައި:
އަޞްލުވީގޮތް: މި ގްރޫޕުގައި ހިމެނޭ 5 އޭއައި ކެރެކްޓަރުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވަކިވަކިން ހިންގައި، އެކުދިންގެ ޚިޔާލީ ދިރިއުޅުމުގެ ވާހަކަތައް އުފެއްދުމަކީ ވަރަށް ބޮޑު ތަކުލީފަކަށްވި ކަމެކެވެ.
ބަނޑުބޮޑުވި ވާހަކަ ދެއްކި ސަބަބު: އެކަން ކުރުމަށް ވަގުތު ނުލިބި، މީހާ ވަރުބަލިވުމުން، ގްރޫޕުން އެކަކު "މެދުކަނޑާލުމަށް" އަވަސް ހައްލެއްގެ ގޮތުން ބަނޑުބޮޑުވި ވާހަކަ އުފެއްދީއެވެ!
އުފެއްދުންތެރިން: މި ބޭންޑު ހަދައިގެން އުޅެނީ ކޭ-ޕޮޕަށް ލޯބިކުރާ އާދައިގެ ކިޔަވާ ކުދިންތަކެކެވެ. އަދި މި ޕްރޮޖެކްޓުން އެއްވެސް ފައިސާއެއް އެކުދިންނަށް ލިބިފައިނުވާކަންވެސް އެކުދިން ހާމަކުރިއެވެ.
މި ހާދިސާއާ ގުޅިގެން އިންޓަނެޓުގައި ސަޕޯޓަރުން ވަނީ ވަރަށް މަޖާ ވާހަކަތަކެއް ދައްކާފައެވެ؛ ބައެއް މީހުން "އޭއައި ކެރެކްޓަރެއްގެ ބަނޑުގައިވާ ދަރިފުޅަށް ކޯޑު ކުރަންޖެހޭނީ ކޮން ޕްރޮގްރާމިންގ ބަހަކުންތޯ" އަދި "ދަރިފުޅު އުފަންވާނީ ވައިރަހެއްގެ ގޮތުގައިތޯ" ސުވާލުކޮށް ސަމާސާ ކުރިއެވެ! އަދި އަނެއްބަޔަކު ސުވާލުކުރީ، އޭއައި މަންމައަކު މާބަނޑު ދުވަސްވަރުގެ މެޓަރނިޓީ ލީވް ނަގާނީ ސާވަރ އޮފްކޮށްލައިގެންތޯ ނުވަތަ ރީބޫޓްކޮށްލައިގެންތޯއެވެ.
އާންމުންގެ ބައެއް މީހުން މިއީ މަޖާ ކަމެއްގެ ގޮތުގައި ނެގިނަމަވެސް، އަނެއްބަޔަކު ވަނީ ބަނޑުބޮޑުވުމާއި މާބަނޑު ދުވަސްވަރުގެ ހައްސާސްކަން ސަމާސާއަކަށް ހެދުމުން އެކަމަށް ފާޑުކިޔާފައެވެ. މި ހާދިސާއަށްފަހު، "މިޓީ" އެނބުރި އަންނައިރު އޭނާ އަންނާނީ އެކްޓްރެސްއެއްގެ ގޮތުގައި ނުވަތަ މަންމައަކަށްވެ، ކުޑަކުދިންގެ އުފެއްދުންތައް އިޝްތިހާރުކުރާ "އިންފްލުއެންސަރެއްގެ" ގޮތުގައިކަމަށްވެސް އެކުދިން ވަނީ ސަމާސާ ރާގަކަށް ބުނެފައެވެ!
