އެމެރިކާގެ އޮރެގަންގެ ޕްރައިމަރީ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ކުޑަކުދިންތަކަކާއެކު 5 މީހުން މަރުވެއްޖެ!
އެމެރިކާގެ އޮރެގަން ސްޓޭޓްގެ ބެންޑް ސިޓީގައި ހުންނަ ސިލްވާ ރެއިލް އެލިމެންޓްރީ ސްކޫލަށް 16 އަހަރުގެ ފިރިހެން ކުއްޖަކު ވަދެ ދިން ނުރައްކާތެރި ބަޑީގެ ހަމަލާތަކެއްގައި 4 މީހަކު މަރުވެ، އިތުރު ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ. ހަމަލާދިން ކުއްޖާވެސް ވަނީ ހާދިސާ ހިންގި ސަރަހައްދުން މަރުވެފައި ގޮތުގައި ފެނިފައެވެ.
ފުލުހުންނާއި މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 5 އަހަރާއި، 8 އަހަރު އަދި 11 އަހަރުގެ 3 ފިރިހެން ކުދިންގެ އިތުރުން، އެ ސްކޫލުގައި ކިޔަވައިދެމުންދިޔަ 25 އަހަރުގެ މޭގަން ލެމްބާޓް ކިޔާ އަންހެން ޓީޗަރެކެވެ. މީގެއިތުރުން 7 އަހަރުގެ އަންހެން ކުއްޖަކަށާއި 54 އަހަރުގެ އެހެން ޓީޗަރަކަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ތަހުގީގީ އިދާރާތަކުން ބުނާގޮތުގައި، ހަމަލާދިން 16 އަހަރުގެ ގްރިފިން ޖޭ. ޖޯން II ބޭނުންކޮށްފައިވަނީ އޭނާގެ މަންމަ ގަނެފައިވާ ބަޑިއެކެވެ. އޭނާ ސްކޫލުގެ ބަންދުކޮށްފައިވާ ދޮރުގެ ބިއްލޫރިގަނޑަށް ބަޑިޖަހައިގެން އެތެރެއަށް ވަދެ، ކްލާސްރޫމަކަށް އަމާޒުކޮށް 15 ވަރަކަށް ފަހަރު ބަޑިޖަހާފައިވެއެވެ.
މި ހާދިސާ ހިނގި ވަގުތު ސްކޫލް ތެރޭގައި ތިބި ޓީޗަރުން ވަނީ ހަމަލާދިން ކުއްޖާ ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ. އަދި އެ ވަގުތު ސްކޫލުގައި ކިޔަވާ ކުއްޖެއްގެ ބައްޕައަކު (އާންމު ރައްޔިތަކު) އެތެރެއަށް ވަދެ، ހަމަލާދިން ކުއްޖާގެ ގަޔަށް ބަޑިޖަހައި އޭނާ ވަނީ ހުއްޓުވާފައެވެ. މީގެސަބަބުން އިތުރު ގިނަ ބައެއްގެ ފުރާނަ ސަލާމަތްވިކަމަށް އޮފިޝަލުން ފާހަގަކުރެއެވެ.
