އެމެރިކާގެ ނިއުކްލިއަރ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އިރާނުން އާންމުންނަށް ޚާއްޞަ އިރުޝާދުތަކެއް ދީފި
އެމެރިކާއިން އިރާނުގެ އެންމެ ފުންކޮށް ވަޅުލެވިފައިވާ ނިއުކްލިއަރ މަރުކަޒުތަކަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްގެން ހަމަލާއެއް ދީފާނެކަމުގެ އަޑުތަކާއި ކަންބޮޑުވުންތައް ގަދަވެފައިވަނިކޮށް، އިރާނުގެ ދައުލަތުގެ މީޑިއާތަކުން ނިއުކްލިއަރ ރޭޑިއޭޝަނުން ރައްކާތެރިވުމާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް މަޢުލޫމާތުތަކެއް އާންމުކުރަން ފަށައިފިއެވެ.
މި އަޑުތައް އެންމެ ފުރަތަމަ ގަދަވެގެންދިޔައީ އެމެރިކާގެ މަޝްހޫރު ސިޔާސީ ކޮމެންޓޭޓަރު ޓަކަރ ކާލްސަން (Tucker Carlson) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ކާލްސަން ތުހުމަތުކުރި ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިއްރު ފިއްތުންތަކާ ހުރެ، އިރާނުގެ "ޕިކްއެކްސް މައުންޓެން" (Pickaxe Mountain) ސަރަހައްދުގައިވާ ނިއުކްލިއަރ ވަސީލަތްތައް ހަލާކުކޮށްލުމަށް އެމެރިކާއިން ނިއުކްލިއަރ ހަމަލާއެއް ދިނުން އެކަށީގެންވެއެވެ. ފަރުބަދައިގެ 300 ފޫޓު އަޑީގައިވާ މި މަރުކަޒުތަކަށް އާދައިގެ ބޮމަކުން ގެއްލުން ނުދެވޭނެތީ، އެތަން ނައްތާލެވޭނީ ނިއުކްލިއަރ ހަތިޔާރަކުން ކަމަށް އޭނާ ބުނެފައިވެއެވެ.
ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވެ، އެފަދަ ހަތިޔާރެއްގެ ބޭނުމެއް ނެތްކަމަށް ޕޮލިޓިކޯ (Politico) އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.
އެމެރިކާގެ ރަސްމީ ނިންމުމެއް ނެތް ނަމަވެސް، މަޝްރަހު ނުރައްކާވަމުންދާތީ އިރާނުގެ ސިވިލް ޑިފެންސް ހަފުތާއާ ދިމާކޮށް ދައުލަތުގެ ޓީވީން ވަނީ ނިއުކްލިއަރ ގޮވުމަކުން ސަލާމަތްވުމަށް އާންމުން އަމަލުކުރަންވީ 5 މުހިންމު އިރުޝާދެއް އާންމުކޮށްފައެވެ:
- އަލިފާންގަނޑަށް ނުބެލުމާއި ނިވާވުން: ގޮވުމުން އުފެދޭ ގަދަ އަލިއަށް ސީދާ ނުބެލުމަށާއި، ވަގުތުން ވަރުގަދަ ނިވާފަތގަނޑެއްގެ ނިވަލަށް ވަދެ، ބިންމަތީގައި އޮށޯވެ ބޮލާއި މޫނު ނިވާކުރުން.
- އެންމެ ކައިރީގައިވާ އިމާރާތަށް ވަނުން: ގޮވުމުގެ ރާޅުފާބައިގެން ދިއުމާއެކު، ކައިރީގައިވާ އިމާރާތެއްގެ އެތެރެއަށް ވަދެ، ކުޑަދޮރުތަކާއި ބޭރު ފާރުތަކާ ދުރަށް ޖެހުން (ކާރު ފަދަ އުޅަނދުފަހަރުގެ ތެރޭގައި މަޑުނުކުރުން).
- ރޭޑިއޭޝަން ހުރި ހަންގަނޑު ދޮވުން: ރޭޑިއޭޝަން އެކުލެވޭ ދުމާއި ހިރަފުސް އުނގުޅިފައިވާނަމަ، ތާފަނާ ފެނާއި ސައިބޯނި ބޭނުންކޮށްގެން ހަންގަނޑު ދޮވުމާއި، ކޮންޑިޝަނަރ ނުލައި އާދައިގެ ޝޭމްޕޫއަކުން ބޯދޮވުން.
- މަދުވެގެން 24 ގަޑިއިރު އެތެރޭގައި މަޑުކުރުން: ނިއުކްލިއަރ ރޭޑިއޭޝަންގެ އަސަރު ކުޑަވަންދެން މަދުވެގެން 24 ގަޑިއިރު އިމާރާތުގެ ތެރޭގައި މަޑުކުރުމަށާއި، ބަންދުކޮށްފައިވާ ކާނާއާއި ބަންދުކުރި ފެން ބޭނުންކުރުން.
- ރަސްމީ އިރުޝާދުތަކަށް ތަބާވުން: ކަމާބެހޭ ފަރާތްތަކުން ރައްކާތެރިކަން ކަށަވަރުކޮށްދެންދެން ބޭރަށް ނުނުކުތުން.
ސެކިއުރިޓީ އެނަލިސްޓުން ބުނާ ގޮތުގައި، އިރާނަކީ ކުރީގެ ހަނގުރާމަތަކުގައި ނުރައްކާތެރި ކެމިކަލް ހަތިޔާރުގެ ހަމަލާތައް ތަހައްމަލުކޮށްފައިވާ ގައުމަކަށްވާތީ، މިއީ އެންމެ ގޯސް ހާލަތަކަށްވެސް ތައްޔާރުވުމުގެ ގޮތުން އިރާނުން އަޅަމުންދާ ފިޔަވަޅުތަކެކެވެ. އަދި އެމެރިކާއިން އެފަދަ ހަމަލާއެއް ދީފިނަމަ، މުޅި ސަރަހައްދުގެ ބާރުގެ މިސްރާބު ބަދަލުވެ، އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ފޯރާނެކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.
