އެމްއައިބީ ގޭސްޓްހައުސް ސިމްޕޯޒިއަމް އަދި އެވޯޑްސް 2026 ކާމިޔާބުކަމާއެކު ބާއްވައިފި!
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމްކޮށްގެން ބާއްވާ "ގޭސްޓްހައުސް ސިމްޕޯޒިއަމް" ގެ ތިންވަނަ އެޑިޝަން 15 އޮކްޓޯބަރު 2026 ގައި ބާސެލޯ ނަސަންދުރާ ހޮޓެލްގައި ވަނީ ކުރިއަށް ގޮސްފައެވެ.
މިއަހަރުގެ ސިމްޕޯޒިއަމް ފާހަގަކުރެވިގެންދިޔައީ ކުރީ އަހަރުތަކާ ޚިލާފަށް ސިމްޕޯޒިއަމްގެ އިތުރުން "އެމްއައިބީ ގޭސްޓްހައުސް އެވޯޑްސް" ވެސް އެއް ހަފްލާއެއްގެ ތެރޭގައި އެކުއެކީގައި ބޭއްވި ފުރަތަމަ ފަހަރުގެ ގޮތުގައެވެ.
މިއަހަރުގެ ސިމްޕޯޒިއަމްގެ އިފްތިތާޙީ ތަޤުރީރު ދެއްވީ ބައިނަލްއަޤްވާމީ ގޮތުން މަޝްހޫރު ސްޕީކަރ ކިރުބާ ޝަންކަރެވެ. އަދި ކުރީގެ ސިމްޕޯޒިއަމްތަކުގައި 3 ޕެނަލް ޑިސްކަޝަން ބޭއްވި ނަމަވެސް، މިއަހަރުގެ ހަރަކާތުގައި ބައިވެރިންނަށް ސުވާލުކޮށް ޚިޔާލު ބަދަލުކުރުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދިޔައީ ލޯކަލް ޓޫރިޒަމް ދާއިރާއަށް އެންމެ މުހިންމު މައުޟޫއަކަށް ޚާއްސަކުރެވުނު 1 ޕެނަލް ޑިސްކަޝަނެވެ. މީގެއިތުރުން، ލޯކަލް ޓޫރިޒަމް އަދި ގޭސްޓްހައުސް ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނާއި، ގޭސްޓްހައުސްތަކާއި، ވިޔަފާރިތަކުގެ އަގުވަޒަންކޮށް މިއަހަރުގެ އެވޯޑުތައް ވަނީ ހަވާލުކޮށްފައެވެ.
މި ސިމްޕޯޒިއަމްއަކީ ރާއްޖޭގެ ރަށްރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ދާއިރާގެ ވެރިންނާއި، މެނޭޖަރުން އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އެއްފުރާޅެއްގެ ދަށުން ބައްދަލުވެ، އާ ފުރުސަތުތަކާއި ގުޅުންތައް ބަދަހިކުރުމަށް އެމްއައިބީން މަގުފަހިކޮށްދޭ މުހިންމު ހަރަކާތެކެވެ.
