Info Featured

އެލްޖީއޭއަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ޚަރަދުވެފައިވާކަމަށް ދައްކަނީ އަތޮޅުގޮފިތަކުގެ ޚަރަދު ހިމަނާފައިވާތީ

Advertisement
އެލްޖީއޭއަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ޚަރަދުވެފައިވާކަމަށް ދައްކަނީ  އަތޮޅުގޮފިތަކުގެ ޚަރަދު  ހިމަނާފައިވާތީ
ފޮޓޯ: އެލްޖީއޭ
ތަފްޞީލް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދައުލަތުން މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ ހަރަދުތައް އިތުރުވެފައިވާ ކަމަށް ދައްކަނީ، އަތޮޅު ގޮފިތަކުގެ ހަރަދުތައް އެ އޮތޯރިޓީގެ ހަރަދުތަކުގެ ގޮތުގައި ހިމަނާފައި ވާތީ ކަމަށް އެލްޖީއޭ އިން މިއަދު ބުނެފިއެވެ.


އެލްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 17 ވަނަ އިސްލާހާ ގުޅިގެން، ކުރިން ހިންގަމުން އައި އަތޮޅު ކައުންސިލް އިދާރާތައް އުވާލައި އެލްޖީއޭގެ ގޮފިތަކެއްގެ ގޮތުގައި މި އަހަރުގެ މެއި 17 އިން ފެށިގެން އެތަންތަން ހިންގަމުން އަންނަ ކަމަށެވެ.


އަދި މީގެއިތުރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެކު، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމާއި، އެކި ފަރާތްތަކަށް އަދާކުރަންޖެހޭ ފައިސާ ދެއްކުމާއި އިދާރީ ހުރިހާ ހަރަދުތައް ކުރުމުގެ ޒިންމާ މިހާރު އެ އޮތޯރިޓީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.


މި އަހަރަށް އެލްޖީއޭ އަށް ފާސްކޮށްދީފައިވާ ދައުލަތުގެ ބަޖެޓްގައި ވަނީ 37.3 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން މިމަހުގެ 6 ގެ ނިޔަލަށް އެ އޮތޯރިޓީގެ ހިންގުމަށާއި، ހިދުމަތްތަކަށާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުވެފައި ވަނީ 18.5 މިލިއަން ރުފިޔާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.


އެހެންކަމުން އަތޮޅު ގޮފިތައް ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން އެލްޖީއޭގެ ބަޖެޓަށް އިތުރުކޮށްދީފައިވާ ކަމަށާއި، މިދިޔަ މެއި 17 އިން ފެށިގެން މި މަހުގެ ހައެއްގެ ނިޔަލަށް އަތޮޅު ގޮފިތައް ހިންގުމަށް ޖުމްލަ 61.2 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ އެ ފައިސާގެ ތެރެއިން ކަމަށް ވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.


މީގެ އިތުރުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް އެލްޖީއޭއިން ކަނޑައަޅާފައިވާ ފަރާތުން އަބަދުވެސް މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށާއި، އެ އޮތޯރިޓީއާ ގުޅޭ މައުލޫމާތެއް ޝާއިއުކުރުމުގެ ކުރިން އޭގެ ސައްހަކަން ކަށަވަރުކުރުމަށް ހުރިހާ މީޑިއާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތަށް ބުނެފައިވަނީ އެލްޖީއޭގެ ޚަރަދުތައް މިއަހަރަށް ކަނޑައެލި ބަޖެޓަށްވުރެ އިތުރަށް އެއޮތޯރިޓީން ޚަރަދުކޮށްފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯރޓް ކޮށްފައިވާތީއެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް