އެފްރިކާގެ އުންމީދީ ޒުވާން ލީޑަރ ކެޕްޓަން އިބްރާހީމް ޓްރައޮރޭ އަކީ ގައުމުދެކެ ލޯބިވާ ނަމޫނާ ވެރިއެއް

ކެޕްޓަން އިބްރާހީމް ޓްރައޮރޭ އުފަންވެވަޑައިގަތީ 1988 ވަނަ އަހަރު ބުރްކީނާ ފާސޯއަށެވެ. އޭނާއަކީ އަސްކަރިއްޔާގެ ކެޕްޓަނެކެވެ. އަދި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބުރްކީނާ ފާސޯގެ ރައީސް އެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އުމުރުފުޅަކީ އެންމެ 34 އަހަރެވެ. އެހެންކަމުން މި ޒުވާން ލީޑަރު ވެގެންދިޔައީ ދުނިޔޭގެ އެންމެ ޒުވާން ދައުލަތުގެ ވެރިޔާ އަށެވެ.
އޭނާގެ ޒުވާން އުމުރާއެކު ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކުރުމަށް އޭނާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މުޅި އެފްރިކާ ބައްރުގެ ސަމާލުކަން ވަނީ އޭނާއަށް ހުއްޓިފައެވެ.
އިބްރާހީމް ޓްރާއޯރޭ ވެރިކަމަށް ވަޑައިގަތީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގެނެވުނު އަސްކަރީ އިންގިލާބަކާ ގުޅިގެންނެވެ. އެއަށްފަހު އެ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެ ޤައުމުގެ ވަގުތީ ރައީސް، އަދި އަސްކަރީ ވެރިޔާގެ މަޤާމު ފުރުއްވަމުން ގެންދަވަނީ އެމަނިކުފާނެވެ.
ހާއްސަކޮށް ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުގެ ނުފޫޒުތަކުން ގައުމުގެ ގުދުރަތީ މުއްސަނދިކަން ސަލާމަތްކުރެއްވިއެވެ. 'އިގުތިސޯދީ މިނިވަންކަމެއް' އަލުން ހޯދައި ދެއްވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ތަކަކީ މިއަދު މުޅި ދުނިޔޭގައި ބަހުސްކުރެވެމުންދާ، އެފްރިކާގެ އާ އިންގިލާބު ނުވަތަ ރިވައިވަލެއްގެ ފެށުމެވެ.
ހުޅަނގުގެ ނުފޫޒާ ދެކޮޅަށް ޓްރައޮރޭ ގެންގުޅުއްވަނީ ވަރަށް ހަރުކަށި ސިޔާސަތުތަކެކެވެ. އޭގެ ސަބަބުން، ޓްރައޮރޭގެ ވެރިކަން ވައްޓާލުމަށް ބޭރުގެ މަދަދާއެކު ގިނަ ރޭވުންތަކެއް ރޭވުނެވެ. އެގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަސްކަރިއްޔާގެ ތެރެއިން ބަޔަކު އިސްވެ ވެރިކަން ވައްޓާލަން އުޅެނިކޮށް ސަރުކާރުން ވަނީ އެކަން ނާކާމިޔާބުކޮށްލާފަ އެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭރުގެ ޖާސޫސީ އިދާރާތަކާއި ގައުމުން ބޭރުގައި ތިބި ކުރީގެ އަސްކަރީ އޮފިސަރުން ގުޅިގެން ޓްރައޮރޭ އަވަހާރަކޮށްލަން ރޭވި ބޮޑު ބަގާވާތެއްވެސް ބުރްކީނާ ފާސޯގެ ސަލާމަތީ ބާރުތަކުން ވަނީ ހުޝިޔާރުކަމާއެކު ފުނޑުފުނޑުކޮށްލާފައެވެ.
މި ހުރިހާ ގޮންޖެހުންތަކާއި ނުރައްކާތަކާއެކުވެސް، އާންމު ރައްޔިތުންގެ ބޮޑު ތާއީދާއެކު އޭނާގެ ވެރިކަން ދަނީ އިތުރަށް ވަރުގަދަވަމުންނެވެ.
ބުރުކީނާ ފާސޯއަކީ މިހާރު އެފްރިކާގައި އެންމެ ގިނައިން ރަން އުފައްދާ އެއް ގައުމެވެ. މީގެކުރިން އަހަރަކު އެވްރެޖްކޮށް 55 އާއި 60 ޓަނާ ދެމެދުގެ ރަން އުފެއްދި އެވެ. ނަމަވެސް، ޓްރައޮރޭ ގެންގުޅުއްވި ހަރުދަނާ މައިނިން އިސްލާހުތަކާއި އާ މައިނިން ކޯޑުގެ ސަބަބުން 2025 ވަނަ އަހަރު ރެކޯޑު އަދަދެއް ކަމަށްވާ 94 ޓަނުގެ ރަން ވަނީ އުފައްދާފައެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 30 ޓަނުގެ އިތުރުވުމެކެވެ. އަލަށް ހުޅުވުނު ރަން ސާފުކުރާ ފެކްޓަރީގެ ފުރަތަމަ ފޭސްގައި އަހަރަކު 164 ޓަނުގެ ރަން ސާފުކުރުމުގެ ގާބިލުކަން ހުރެއެވެ. ކުރިއަށް އޮތް ތަނުގައި މި މިންވަރު އަހަރަކު 515 ޓަނުގެ މަތީ ފެންވަރުގެ ރަން ނުވަތަ %99.99 ޕިއުރިޓީ ގޯލްޑް އުފެއްދުމަށް ވަނީ އަމާޒު ހިފާފައެވެ.