އީރާން ހަނގުރާމައިގައި އެމެރިކާގެ 81 އަސްކަރީ އުޅަނދެއް ހަލާކުވެގެން 3.3 ބިލިއަން ޑޮލަރުގެ ގެއްލުމެއް: ކޮންގްރެސްގެ ރިޕޯޓް
އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ތެރޭގައި އެމެރިކާ އަސްކަރިއްޔާގެ ޖުމްލަ 81 އަސްކަރީ އުޅަނދެއް ހަލާކުވެ، ނުވަތަ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަން އެމެރިކާގެ ކޮންގްރެޝަނަލް ރިސާރޗް ސަރވިސް (CRS) އިން އާންމުކުރި ރިޕޯޓަކުން ހާމަވެއްޖެއެވެ.
ކޮންގްރެޝަނަލް ބަޖެޓް އޮފީސް (CBO) ގެ ހިސާބުތަކަށް ހަވާލާދީ މި ރިޕޯޓުގައި ބުނެފައިވަނީ، ގެއްލުންވި ނުވަތަ ވައްޓާލެވުނު އުޅަނދުތައް މަރާމާތުކުރުމަށާއި އަލުން އުފެއްދުމަށް 1.9 ބިލިއަން އާއި 3.3 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށެވެ.
ގެއްލުންވި މައިގަނޑު އުޅަނދުތައް:
- ޑްރޯންތައް: ގެއްލުންވި އުޅަނދުތަކުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖާސޫސީ އަދި ހަމަލާދޭ MQ-9 Reaper މަރުކާގެ 45 ޑްރޯނެވެ.
- ފައިޓަރ ޖެޓްތައް: މީގެ ތެރޭގައި F-15E Strike Eagle މަރުކާގެ 12 ޖެޓާއި، އެމެރިކާގެ އެންމެ ފަހުގެ F-35A Lightning II ސްޓެލްތް ފައިޓަރ ޖެޓެއް ހިމެނެއެވެ.
- އެހެނިހެން އުޅަނދުތައް: E-3 Sentry ޖާސޫސީ މަތިންދާބޯޓެއްގެ އިތުރުން ސިފައިން އުފުލާ ހެލިކޮޕްޓަރުތަކާއި ކާގޯ ބޯޓުތައްވެސް ހިމެނެއެވެ.
ރިޕޯޓުގައިވާ ގޮތުން، ހަލާކުވި ބައެއް އުޅަނދުތަކަކީ އީރާނުގެ ހަމަލާތަކުގައި ގެއްލުންވި އުޅަނދުތަކަށްވާއިރު، އެޕްރީލް މަހުގެ ތެރޭގައި ހިންގި ސަލާމަތީ އޮޕަރޭޝަނެއްގައި އިންޖީނު ހަލާކުވެގެން ހުއްޓުނު އެމެރިކާގެ ދެ މަތިންދާބޯޓަކާއި ހަތަރު ހެލިކޮޕްޓަރެއް އެމެރިކާ ސިފައިން އަމިއްލައަށް ގޮއްވާލާފައިވަނީ، އެމެރިކާގެ ނާޒުކު ޓެކްނޮލޮޖީ ދުޝްމަނުންގެ އަތްމައްޗަށް ދިޔަނުދިނުމަށެވެ.
ނަމަވެސް، ގެއްލުންވި 81 އުޅަނދުގެ ތެރެއިން ސީރިއަސް ގެއްލުން ނުލިބޭ ބައެއް ފައިޓަރ ޖެޓްތައް މަރާމާތުކޮށް އަލުން ޚިދުމަތަށް ނެރެފައިވާކަންވެސް ސީއާރުއެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
