ދައުރުވަމުންދާ ވީޑިއޯއަކީ ވީއައިއޭގައި ބޭއްވި ސެކިއުރިޓީ ފަރިތަކުރުމެއްގެ މަންޒަރުތަކެއް، ހަމަނުޖެހުމެއް ނުހިނގާ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެއްވެސް ނުރައްކާތެރި ހާދިސާއެއް ނުވަތަ ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށާއި، ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކީ އެއާޕޯޓުގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުމެއްގެ މަންޒަރުތަކެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފިއެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ނުދީގެން ވީއައިއޭގައި ހަމަނުޖެހުމެއް ހިނގި ކަމަށް ބުނެ ބަޔަކު މީސްމީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯއާ ގުޅިގެން އެމްއޭސީއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ވީޑިއޯއިން ފެންނަނީ ރޭ ވީއައިއޭގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއް ކަމަށެވެ.

މި ވާހަކަތަކާ ގުޅޭގޮތުން އެމްއޭސީއެލްއިން އިތުރަށް ފާހަގަކުރި ކަންތައްތަކަކީ:
- އަސާސެއް ނެތް ވާހަކަތަކެއް: އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި އަގުވެއްޓޭ ގޮތަށް ފަތުރަމުންދާ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
- ރަސްމީ މައުލޫމާތަށް ބަރޯސާވުމަށް އިލްތިމާސްކުރުން: ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތުތައް ނުފެތުރުމަށާއި، އެ ކުންފުނީގެ ރަސްމީ ޗެނަލްތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން މައުލޫމާތުތައް ދައުރުނުކުރުމަށް އެމްއޭސީއެލްއިން ވަނީ އާންމުންނަށާއި މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.
