News Featured

ބޭންކް އޮފް ސިލޯން ގެ ވައްކަމުގެ ފަހަތުގައި ހުރި އެބޭންކްގެ ދިވެހި މެނޭޖަރުގެ މައްޗަށް ޖަލުހުކުމެއް.

Advertisement
ބޭންކް އޮފް ސިލޯން ގެ ވައްކަމުގެ ފަހަތުގައި  ހުރި އެބޭންކްގެ ދިވެހި މެނޭޖަރުގެ މައްޗަށް ޖަލުހުކުމެއް.
ފޮޓޯ: ސަން
ތަފްޞީލް

ބޭންކް އޮފް ސިލޯން (ބީއޯސީ) މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން އޭނާއަށް ނޭނގި އެތައް ލައްކަ އެމެރިކާ ޑޮލަރު ވަގަށް ނެގުމަށްޓަކައި ސައްހަނޫން ލިޔުމެއް އުފައްދައި ފައިސާ ޓްރާންސްފާ ކުރި މައްސަލަ ސާބިތުވެ، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ޖަލު ހުކުމް ސާބިތުވެއްޖެއެވެ.


މި މައްސަލައިގައި ޖަލަށް ލުމަށް، ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ، ބީއޯސީގެ ކުރީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު އަދި ކޮމްޕްލަޔަންސް އޮފިސަރު މާލެ، މ. މާހިންނެ، ޙަސަން ވަޙީދުގެ މައްޗަށެވެ. 2019 ވަނަ އަހަރުން ފެށިގެން ކްރިމިނަލް ކޯޓްގައި ހިނގަމުންދިޔަ މި މައްސަލަތައް އިއްޔެ ނިންމެވީ ކުރިމިނަލް ކޯޓްގައި އެކޯޓްގެ ގާޟީ އަލީނަދީމެވެ. 


މި މައްސަލައިގައި، ހަސަން ވަހީދުގެ މައްޗަށް، އެނގިހުރެ ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ދައުލަތުން އުފުލިއެވެ. މިދެ ދައުވާވެސް ވަނީ ސާބިތުވެފައެވެ.


މި މައްސަލައިގައި، ގާނޫނުލްއުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ދަށްކޮށް، ދެ މައްސަލައިގައިވެސް ގާނޫނީ އުސޫލުތަކާ އެއްގޮތަށް އަދަބު އިއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމަވާފައެވެ.


މި ދެ މައްސަލައިގެ ތެރެއިން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށް ސާބިތުވެ އިއްވީ، ދެ އަހަރާއި ނުވަ މަހާއި 11 ދުވަހުގެ ޖަލު ހުކުމަކާއެކު 144،000 ރުފިޔާގެ ޖޫރިމަނާއެކެވެ. އަނެއް މައްސަލައިގައި އިއްވީ، ހަ މަހާއި 18 ދުވަހުގެ ޖަލު ހުކުމަކާއެކު 18،000 ރުފިޔާގެ ޖޫރިމަނާއެކެވެ.


ޝަރީއަތުން ނިންމެވި ނިންމެވުމުގައިވާ ގޮތުން، 9 ޖޫން 2019 ދުވަހު ޙަސަން ވަޙީދު ވަނީ ބީއޯސީގެ ދިވެހި، އަންހެން ކަސްޓަމަރެއްގެ އެކައުންޓުން، އެ އަންހެން މީހާއަށް ނޭނގި، 150،000 ޑޮލަރު ޓްރާންސްފާ ކުރުމަށްޓަކައި އަންހެން މީހާގެ ނަމުގައި ސައްހަނޫން ޓްރާންސްފާ ރިކުއެސްޓެއް އަމިއްލައަށް ތައްޔާރުކޮށްފައެވެ.


ޙަސަން ވަޙީދު އުފެއްދި ސައްހަނޫން ލިޔުން ބޭންކުގެ މުވައްޒަފެއް މެދުވެރިކޮށް ޕްރޮސެސްކޮށް، އަންހެން މީހާގެ އެކައުންޓުން 150،000 ޑޮލަރު އަބްދުﷲ ނަފީޤް ޕާޝާގެ އެކައުންޓަށް ޓްރާންސްފާ ކުރިއެވެ. އެއަށްފަހު، އެންމެ ފަސް މިނެޓު ތެރޭގައި (އެ ދުވަހުގެ 10:44 ގައި)، ނަފީޤް ޕާޝާގެ އެކައުންޓުން އެ ފައިސާ "ސީނިއާ އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" ގެ އެކައުންޓަށް ޓްރާންސްފާ ކުރިއެވެ.


ސީނިއާ އިންޓަރނޭޝަނަލް އިން ވަނީ އެ ފައިސާ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ ހަތަރު ކުންފުންޏެއްގެ އިންވޮއިސްތަކަށް ފައިސާ ދައްކާފައެވެ. މި އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް ސްވިފްޓް އެޕްލިކޭޝަން ހުށަހަޅާފައިވަނީ ފައިސާ ނެގުމުގެ ހަ ދުވަސް ކުރިން، 2 ޖޫން 2019 ގައެވެ.


މީގެ ކުރިން، 18 ޖުލައި 2018 ގައިވެސް އަންހެން މީހާގެ އެކައުންޓުން 110،000 ޑޮލަރު ހަމަ މި މަގުން (ނަފީޤް ޕާޝާގެ އެކައުންޓް މެދުވެރިކޮށް ސީނިއާ އިންޓާނޭޝަނަލްއަށް) ޓްރާންސްފާ ކޮށްފައިވާކަން އޯޑިޓް ރިޕޯޓުން އެނގެއެވެ.


ނަފީޤް ޕާޝާއަކީ ޒައިނަލްގެ ދޮންބައްޕައެވެ. އަދި 2018 ނޮވެމްބަރުން ފެށިގެން ސީނިއާ އިންޓަރނޭޝަނަލް އިން ކޮންމެ މަހަކު 52،500 ރުފިޔާ (ޖުމްލަ 367،500 ރުފިޔާ) ޙަސަން ވަޙީދުގެ ބީއެމްއެލް އެކައުންޓަށް ޖަމާކޮށްފައިވެއެވެ.

Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް