ބަލިމީހާ ކޮޓަރީގައި ބައިންދާފައި، ކްލިނިކުގެ މުވައްޒަފުން ތަޅުލާފައި ގެއަށް ހިނގައްޖެ!

ޑޮކްޓަރަށް ދައްކަން ގޮސް ކޮޓަރީގައި އިންދާ މުޅި ތަން ފިންހަނޑުވެ، ތަޅުލުމުން ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އެމެރިކާގެ ނިއު ހެމްޕްޝަޔަރއަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ ޓިއާ ޗާންޑްލަރއަށް ދިމާވީ ހަމަ މިއެކަންތކެވެ!
އާސްތްމާ (ނޭވާހިއްލުން) ބަލީގެ އުނދަގޫތަކެއް ބޮޑުވެގެން، އަވަސް ފަރުވާ ދޭ "ކޮންވީނިއަންޓް އެމް.ޑީ" ކްލިނިކަށް ޓިއާ ދިޔައީ ރޭގަނޑު 7:45 ހާއިރުއެވެ. ނަރުހުން އޭނާ ބަލިބަލާ ކޮޓަރިއަކަށް ވައްދައި ފަރުވާދިނުމަށްފަހު، މަޑުކޮށްލުމަށް އެދުނެވެ.
ކޮޓަރީގައި އިންނަތާ އިރުކޮޅެއް ވީތަނާ، ކްލިނިކް ތެރެއިން މީހުންގެ އަޑު ކެނޑި، މުޅި ތަން ހިމޭންވާން ފެށިއެވެ. ގަޑިން 8:10 އެހާކަންހާއިރު ޓިއާގެ ހިތަށްއެރިއެވެ: "އެމީހުން މަ އިންދާ މުޅި ތަން ތަޅުލާފައެއް ނުދާނެއެއްނު؟ މިއީ ހަމައެކަނި ފިލްމުތަކުގައި ވާކަންކަމެއްނު!"
ނަމަވެސް، ކޮޓަރިން ނުކުމެ ބެލިއިރު މުޅި ކްލިނިކް އޮތީ އަނދިރިކޮށް، މައި ދޮރުގައި ބޮޑު ތަޅެއް އަޅުވައިފައެވެ!ޝިފްޓް ނިމުމާއެކު، މުވައްޒަފުން ކޮޓަރިތައް ޗެކްކުރުމެއް ނެތި، ޓިއާ އެތެރޭގައި އިންކަން ހަނދާންނައްތާލުމަށްފަހު ގެއަށް ދިޔައީއެވެ.
ހަދާނެގޮތެއް ނޭނގިގެން ޓިއާ ވަނީ ފުރަތަމަ ފިރިމީހާއަށް މެސެޖުކުރުމަށްފަހު، ސަލާމަތްވުމަށްޓަކައި އެމެޖެންސީ ނަންބަރު 911 އަށް ގުޅާފައެވެ. ފުލުހުން އައިސް ކްލިނިކް ހުޅުވައި އޭނާ ސަލާމަތްކުރިއެވެ.
މި ހާދިސާއާ ގުޅިގެން ކްލިނިކުގެ މެނޭޖްމަންޓުން ވަނީ ޓިއާގެ ކިބައިން މާފަށްއެދި، މިއީ ދެން އެއްވެސް އިރަކު ތަކުރާރުވިޔަ ނުދޭނެ ކަމެއްކަމަށް ބުނެފައެވެ.