ޢުމުރާގެ ދަތުރަކުން ފެށި މަސައްކަތް: މަސްޖިދުއްނަބަވީގެ އަޑުގެ ނިޒާމު ފުރިހަމަކުރުމުގައި ތުރުކީގެ އިންޖިނޭރެއްގެ 10 އަހަރު



މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތްކޮޅު، މަސްޖިދުއްނަބަވީގެ އަޑުގެ ނިޒާމަށް ދިމާވެފައިވި ބޮޑެތި މައްސަލަތައް ހައްލުކޮށް، އެ ނިޒާމު އެންމެ ޒަމާނީ ފެންވަރަށް ގެނައުމަށް ތުރުކީވިލާތުގެ މާހިރު އޯޑިއޯ އިންޖިނޭރެއް ކަމަށްވާ އަޙްމަދު ތެކިން ތޮޕުޒްދާގް އަގުހުރި 10 އަހަރު ދުވަހުގެ ޚިދުމަތެއް ކޮށްދީފިއެވެ.
މި ތާރީޚީ މަސައްކަތުގެ ބިންގާ އެޅިގެންދިޔައީ 1993 ވަނަ އަހަރު، އަޙްމަދު ތެކިން ތޮޕުޒްދާގް ޢުމުރާގެ އަޅުކަމަށް މަދީނާއަށް ކުރި ޒިޔާރަތެއްގައެވެ. އެ ދަތުރުގައި މަސްޖިދުއްނަބަވީގެ އެތެރޭގައި އަޑު ގުގުމުމާއި ކެނޑުމުގެ މައްސަލަތައް ހުރުމުގެ ސަބަބުން އަޑު އެންމެ އެދެވޭ ގޮތުގައި ސާފުނުވާކަން އޭނާއަށް ފާހަގަކުރެވުނެވެ. މިކަމާ ގުޅިގެން މިސްކިތުގެ އިސްވެރިންނާ ބައްދަލުކޮށް ސައުންޑް ސިސްޓަމް ރަނގަޅުކުރުމުގެ ޚިޔާލުތައް ހިއްސާކުރުމުން، އޭނާގެ ހުނަރު ވަޒަންކުރުމަށް މިސްކިތުގެ އެއްބައިގެ މަސައްކަތް ހަވާލުކުރެވުނެވެ. އަދި އެ މަސައްކަތުން ފެނުނު ބޮޑު ކުރިއެރުމާ ގުޅިގެން މުޅި މިސްކިތުގެ އަޑުގެ ނިޒާމު އިޞްލާޙުކުރުމުގެ ޒިންމާ އޭނާއާ ރަސްމީކޮށް ހަވާލުކުރިއެވެ.
އޭގެ ފަހުން 1997 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ދިގު މުއްދަތުގައި، ތޮޕުޒްދާގް ވަނީ މަސްޖިދުއްނަބަވީގެ ސައުންޑް ސިސްޓަމް އެއްކޮށް އާބާތުރަފިލުވައި، ޒަމާނީ ވަސީލަތްތަކާ އެކު އަލުން އެކުލަވާލާފައެވެ. މީގެ އިތުރުން މައްކާގެ މަސްޖިދުލް ޙަރާމްގެ ސައުންޑް ސިސްޓަމް ހަރުދަނާކުރުމުގެ މަސައްކަތްވެސް އޭނާ ކުރިއެވެ. މި ބޮޑު މަޝްރޫޢުގެ ދަށުން މައިކްރޯފޯންތަކާއި، ކޭބަލްތަކާއި، އަދި ސްޕީކަރުތައް މުޅިން އައުކޮށް، މިސްކިތުގެ އެކި ސަރަޙައްދުތައް ހަތް އޯޑިއޯ ޒޯނަކަށް ބަހާލައި އަޑު ގުގުމުމުގެ މައްސަލަ އެއްކޮށް ހައްލުކުރިއެވެ.
ހަމައެއާއެކު، ކޮންމެ އިމާމަކަށާއި މުއައްޛިނެއްގެ އަޑަށް ޚާއްޞަކޮށްގެން އަޑު ސެޓްކޮށް، ނަމާދުގެ ރުކޫޢާއި ސަޖިދަ ފަދަ ކޮންމެ ޙަރަކާތެއްގައިވެސް އިމާމާގެ އަޑު އެންމެ ފުރިހަމައަށް އިވޭނޭހެން އިތުރު މައިކްރޯފޯންތައް ހަރުކުރެވުނެވެ. މި މަސައްކަތް އެއްކޮށް ނިމުނުއިރު، މަސްޖިދުއްނަބަވީގެ އަޑު ވަރަށް ބޮޑަށް ސާފުވެ، މުޅި މިސްކިތަށާއި ގޯތިތެރެއަށް ފުޅާ ދާއިރާއެއްގައި އަޑު ފޯރާނޭ އިންތިޒާމު ވަނީ ހަމަޖެހިގެން ގޮސްފައެވެ.
މަސައްކަތް ނިންމާލުމަށްފަހު ސައުދީ ޢަރަބިއްޔާ ދޫކޮށް ދިއުމުގެ ކުރިން، ތޮޕުޒްދާގް ވަނީ އެ ޤައުމުގެ އިންޖިނޭރުންނަށް މި ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފުރިހަމައަށް ފޯރުކޮށްދީފައެވެ. މިއަދުވެސް ސައުދީގެ އެކި މިސްކިތްތަކުގެ އަޑުގެ ނިޒާމުތައް އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓަމުން ގެންދަނީ އޭނާގެ ފަރާތުން ތަމްރީނު ލިބުނު ޤާބިލު އިންޖިނޭރުންނެވެ. އުމްރާ ދަތުރެއްގެ ތެރެއިން ފާހަގަވި ކަމަކުން ފެށުނު މި މަސައްކަތް ވެގެންދިޔައީ، މާތްވެގެންވާ ދެ ހަރަމްފުޅުގެ އަޑުގެ ނިޒާމު ބަދަލުކޮށްލި އަގުހުރި ޚިދުމަތަކަށެވެ.