އަތޮޅުތެރޭ ސިއްހީމަރުކަޒެއްގައި ފުރަތަމަ ގާއިމުކުރި ފިޒިއޮތަރަޕީ ސެންޓަރ ކާށިދޫގައި ހުޅުވައިފި
ކ.ކާށިދޫގައި ގާއިމުކުރި ފިޒިއޯތެރަޕީ ސެންޓަރ މިއަދު ހުޅުވައިފިއެވެ. މިއީ އަތޮޅު ތެރޭގެ ސިއްހީމަރުކަޒެއްގައި ހުޅުވުނު ފުރަތަމަ ފިޒިއޮތަރަޕީ ސެންޓަރެވެ.
ކާށިދޫގައި ފިޒިއޯތެރަޕީގެ ޚިދުމަތް ފައްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ. މި ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ޤީލާ ވިދާޅުވީ ފިޒިއޯތެރަޕީއަކީ އެކިއެކި އަނިޔާތަކާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އުނދަގޫތަކުން އަރައިގަތުމަށް ކޮންމެހެން ބޭނުންތެރި ފަރުވާއެއް ކަމަށެވެ.
މި ޚިދުމަތް ކާށިދޫގައި ދެވެން ނެތުމުގެ ސަބަބުން އެ ރަށު ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަކީ ކުޑަ ކަމެއް ނޫން ކަމަށް ޤީލާ ވިދާޅުވިއެވެ. އެގޮތުން ދަތުރުފަތުރުގެ ދަތިތަކާއި މާލެ އައުމަށްފަހު ވެސް ކުރަންޖެހޭ ބޮޑެތި ޚަރަދުތަކުގެ ސަބަބުން އާއިލާތަކަށް ބޮޑު ބުރައެއް އުފުލަންޖެހުނުކަން ޤީލާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކާށިދޫގެ ސިއްހީ މަރުކަޒުގައި ފިޒިއޯތެރަޕީގެ ޚިދުމަތް ގާއިމުކުރެވިގެން ދިޔުމަކީ މި ޚިދުމަތަށް ބޭނުވާ ފަރާތްތަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ޤީލާ ސިފަކުރެއްވިއެވެ.
"މި ޚިދުމަތް ފެށުމަކީ ހަމައެކަނި މެޝިނުތަކެއް ބަހައްޓައި، ކޮޓަރިއެއް ހުޅުވުމެއް ނޫން، މިއީ އަޅުގަނޑުމެންގެ އަނިޔާ ލިބިފައިވާ މައިންބަފައިންނަށާއި، ޒުވާނުންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބުނު އައު އުންމީދެއް. މިއީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް." ކަމަށް ޤީލާ ވިދާޅުވިއެވެ.
މި ޚިދުމަތް އަމިއްލަ ރަށުގައި ތިބެގެން ލިބޭނެގޮތް ހަމަޖެހިގެން ދިއުމަކީ ކާށިދޫގައި ދިރިއުޅޭ އިސްރަށްވެހިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބުނު ވަރަށްބޮޑު ފަސޭހައެއްކަމަށް ގީލާ ފާހަގަ ކުރެއްވިއެވެ.
