News Featured

އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އުފެއްދި އޮފީސްތަކުގެ ނަން ދެވަނަ ފަހަރަށް ބަދަލުކޮށްފި

Advertisement
އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އުފެއްދި އޮފީސްތަކުގެ ނަން ދެވަނަ ފަހަރަށް ބަދަލުކޮށްފި
ތަފްޞީލް

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ބަދަލުގެނައުމަށްފަހު ސަރުކާރުގެ އޮފީހެއް ކޮންމެ އަތޮޅެއްގައި ރައީސް މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ. އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އެންމެ ފުރަތަމަ އުފެއްދެވީ " އެލްޖީއޭގެ އަތޮޅު ގޮފި'' މިނަމުގައި އަތޮޅު ގޮފިތަކެކެވެ. އޭގެ ފަހުން މިއުފެއްދެވީ '' ސަރުކާރުގެ ޚިދުމަތުގެ މަރުކަޒު '' ތަކެކެވެ.  މިއީ އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އަތޮޅުތަކުގައި އުފެއްދި އޮފީސްތަކުގެ ނަމަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ.


މި އޮފީސް އުފެއްދުމުގެ ބޭނުމަކީ ގައުމީ އިދާރާތަކުން އަތޮޅުތަކުގައި ދެމުންދާ ޚިދުމަތްތައް ދިނުމަށްޓަކައި "އަތޮޅު އޮފީހެއް" މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ގާނޫނުގައި މި އޮފީހަށް ދީފައިވާ ނަމަކީ އިންޓެގްރޭޓެޑް ސާވިސް ސެންޓަރެވެ. އެ އޮފީސްތައް ހިންގާނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. 


އަތޮޅު ކައުންސިލްތައް އުވާލަން މަޖިލީހުން ފާސްކޮށް، ރައީސް މުހައްމަދު މުއިއްޒު އެ ބަދަލު ތަސްދީގު ކުރެއްވީ މިދިޔަ އަހަރު ފަހުކޮޅެވެ. އެއާއެކު މި އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލަރުން ނުހޮވާއިރު، ނިމިދިޔަ ދައުރަކީ އަތޮޅު ކައުންސިލްގެ ފަހު ދައުރެވެ.


މިސަރުކާރުން ގެންދަވަނީ ލާމަރުކަޒީ ނިޒާމުން ކައުންސިލުތަކަށް ލިބިފައިވާ ބާރުތައް ހަނި ކުރަމުންނެވެ. އެގޮތުން ކައުންސިލުތަކަށް ވިޔަފާރި ކުރުމަށް ލިބިދީފައި އޮތް ބާރު ވެސް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ. އަދި ކައުންސިލްތަކުން ބިންދޫކުރުމާއި ބިން ވަކިކުރުމުގެ ބާރުވެސް ވަނީ ކައުންސިލްގެ ކިބައި އުނިކޮށްފައެވެ. 


އަތޮޅު ކައުންސިލްތައް އުވައިލުމާ ބެހޭގޮތުން ގާނޫނުއަސާސީއަށް މަޖިލީހުން ބަދަލު ގެނައީ ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް މުޅިން އިދިކީލި ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިޔާލުފާޅުކޮށް ފާޑުކިޔަމުން ދަނިކޮށެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް