ބިމުއަޑީގެ ނުރައްކާތެރި ހޮހޮޅަތައް ބަލަން ޕޮމްޕެއީއިން ހައި-ޓެކް ރޮބޯޓެއް ބޭނުންކުރަން ފަށައިފި
އިޓަލީގެ މަޝްހޫރު ތާރީޚީ ސިޓީ ޕޮމްޕެއީ (Pompeii) ގެ 2،000 އަހަރުވީ އާސާރީ ބިނާތަކުގެ ހާލަތު ދެނެގަތުމަށާއި، ބިމުއަޑީގެ ނުރައްކާތެރި ހަނި ޓަނަލްތައް ބަލައި މޮނިޓަރކުރުމަށްޓަކައި "ސްޕޮޓް" (Spot) ނަމަކަށް ކިޔާ ހައި-ޓެކް ރޮބޯޓު ކުއްތާއެއް ބޭނުންކުރަން ފަށައިފިއެވެ . މިއީ އެމެރިކާގެ މަޝްހޫރު ރޮބޮޓިކްސް ކުންފުނި ބޮސްޓަން ޑައިނަމިކްސް (Boston Dynamics) އިން އުފައްދާފައިވާ، ހަތަރު ފައިމަތީގައި ހިނގާ އަދި އެކި ބާވަތުގެ ތަފާތު ބިންތަކުގައި ހަލުވިކަމާއެކު ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނީ ރޮބޯޓެކެވެ . މި ޕްރޮޖެކްޓަކީ ޕޮމްޕެއީގެ އާސާރީ ޕާކުގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ޒަމާނީ އިންޓެލިޖެންޓް ޓެކްނޮލޮޖީގެ އެހީގައި ތާރީޚީ ތަރިކަތައް ދެމެހެއްޓުމަށްޓަކައި ފަށާފައިވާ ފުޅާ މަޝްރޫއެއްގެ މުހިންމު ބައެކެވެ.
މި ރޮބޯޓު ބޭނުންކުރުމުގެ މައިގަނޑު އެއް ބޭނުމަކީ، އަހަރުތަކެއް ވަންދެން އާސާރީ ތަކެތި ވަގަށް ނަގާ މީހުން (tomb raiders ނުވަތަ tombaroli) ޕޮމްޕެއީގެ ބިމުއަޑިން ކޮނެފައިވާ ނުރައްކާތެރި ހަނި ހޮހޮޅަތަކާއި ޓަނަލްތައް އިންސްޕެކްޓްކުރުމެވެ. 2012 ވަނަ އަހަރުން ފެށިގެން ސަލާމަތީ ބާރުތަކުން ވަގުން ހުއްޓުވި ނަމަވެސް، އެމީހުން ކޮނެފައިވާ ވަގު މަގުތަކަކީ ކޮންމެ ވަގުތަކުވެސް ވެއްޓި ފުނޑުފުނޑުވެދާނެ ފަދަ ނުރައްކާތެރި ތަންތަން ކަމުން، އާކިއޮލޮޖިސްޓުންނާއި މުވައްޒަފުން އެތަންތަނަށް ވަނުމަކީ ފުރާނައަށް އޮތް ބޮޑު ނުރައްކަލެކެވެ. ނަމަވެސް 'ސްޕޮޓް' ރޮބޯޓަށް މިފަދަ ހަނި އަދި އަނދިރި ތަންތަނަށް ފަސޭހަކަމާއެކު ވަދެ، އެތަންތަނުގެ ރައްކާތެރިކަން ދެނެގަނެ، ތަހުލީލުތައް ފުރިހަމަކުރުމުގެ މަގު ވަނީ ފަހިވެފައެވެ .
ރޮބޯޓާއެކު އުދުހޭ 3D ލޭޒާ ސްކޭނަރެއް (Leica BLK2FLY drone) ވެސް ބޭނުންކުރަމުންދާއިރު، މި ވަސީލަތްތަކުގެ އެހީގައި މުޅި އާސާރީ ސަރަޙައްދުގެ އެންމެ ފަހުގެ ޑިޖިޓަލް މައުލޫމާތު ވަގުތުން އެއްކުރެވެއެވެ . ރޭގަނޑު ގަޑީގައި ޕާކުގެ ބޮޑު ސަރަޙައްދު އަމިއްލައަށް ޕެޓްރޯލްކޮށް، އާސާރީ ފާރުތަކުގައި ރެނދުލައި ވެއްޓެން އުޅޭކަމުގެ އަލާމާތްތައް ދެނެގަތުމާއި، ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ވަޒަންކުރުމުގެ ގާބިލުކަން މި ރޮބޯޓަށް ލިބިގެންވެއެވެ . ޕޮމްޕެއީ އާސާރީ ޕާކުގެ ޑިރެކްޓަރު ގެބްރިއަލް ޒުޗްޓްރީގަލް ވިދާޅުވި ގޮތުގައި، މިފަދަ ރޮބޮޓިކްސް ޓެކްނޮލޮޖީގެ ސަބަބުން މަސައްކަތުގެ ދުވެލި އަވަސްވެ، މައުލޫމާތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން ދިރާސާކުރާ ފަރާތްތަކުގެ ރައްކާތެރިކަން އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.
