އަލަށް ގެދޮރު ގަތުމާއި އިމާރާތްކުރުމަށް ސަރުކާރުން ދޭ ހިލޭ އެހީގެ ސްކީމްތަކަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ދެ ސްކީމާ ގުޅޭ އުސޫލުތައް މިހާރު އާންމުކޮށްފައިވާ ކަމަށާއި، އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މި ދެ ސްކީމުގެ މައިގަނޑު މަގްސަދަކީ އަލަށް ގެދޮރު ގަންނަ ފަރާތްތަކާއި އިމާރާތްކުރާ ފަރާތްތަކުން އުފުލަންޖެހޭ މާލީ އިލްތިޒާމްތަކާއި ދަރަނި އަދާކުރުމުގެ ބުރަ ލުއިކޮށްދިނުމެވެ.
1. ހެލްޕް-ޓު-ބައި (ގެދޮރު ގަތުމަށް ދޭ އެހީ)
ގެދޮރު ގަތުމަށް އެހީ ފޯރުކޮށްދެނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
- ކެޓަގަރީ 1: ހެޔޮ އަގުގައި ބޯހިޔާވަހިކަން ގަތުމަށް ދޭ އެހީ (ހެލްޕް ޓު ބައި އެފޯޑަބަލް):
- މިއީ ސަރުކާރުގެ ލުއިތަކާއެކު ޕްރައިވެޓް ޑިވެލޮޕަރުން އަޅާ ހެޔޮ އަގުގެ ހައުސިން ޔުނިޓްތައް، އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ގަތުމަށް ދޭ އެހީއެކެވެ. މި ކެޓަގަރީ ކުރިއަށްދާނީ މާލޭ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައެވެ.
- މި ކެޓަގަރީން ހިލޭ އެހީގެ ގޮތުގައި 250,000ރ. ޑިވެލޮޕަރަށް ދޫކުރުމަށް މާލީ އިދާރާގެ އެސްކްރޯ އެކައުންޓަށް ޖަމާކޮށްދޭނެއެވެ. އަދި ޖީއެސްޓީ ދައްކަން ނުޖެހޭ ގޮތަށް ކަނޑައަޅާފައިވާ މަޝްރޫއެއް ނަމަ ޖީއެސްޓީ ދައްކާކަށް ނުޖެހޭނެއެވެ.
- ޝަރުތުތަކުގެ ތެރޭގައި އެ މީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ އެއްމެދު ގޯއްޗަކުން ބަހައިގެން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނުވުން ހިމެނެއެވެ.
- ކެޓަގަރީ 2: ވިޔަފާރި އުސޫލުން ވިއްކާ ގެދޮރު ގަތުމަށް ދޭ އެހީ (ހެލްޕް ޓު ބައި މާކެޓް ރޭޓް ޔުނިޓްސް):
- މުޅި ރާއްޖެއަށް ހުޅުވާލާފައިވާ މި ކެޓަގަރީގެ ދަށުން، ޔުނިޓެއް އެލޮޓްކުރެވުނު ކަމުގެ ލިޔުން ލިބުމުން ނުވަތަ އޭގެ ކުރިންވެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
- ގަންނަ ފަރާތާއި ޑިވެލޮޕަރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމާއެކު ހިލޭ އެހީގެ ގޮތުގައި 250,000ރ. އެސްކްރޯ އެކައުންޓަށް ދޫކުރެވޭނެއެވެ.
- މައިގަނޑު ޝަރުތުތައް: އުމުރުން 18 އަހަރު ވެފައިވާ އަލަށް ގެދޮރު ގަންނަ މީހަކަށްވުމާއި، މާލީ އިދާރާއެއްގެ ހައުސިން ފައިނޭންސިން ފެސިލިޓީއަކަށް ޝަރުތު ހަމަވުން (މިކަމަށް އެހެން ފަރާތެއްގެ ފައިނޭންސިން ފެސިލިޓީވެސް ހިމެނިދާނެ). ގްރޭޓާ މާލޭ ސަރަހައްދުން އެދޭނަމަ ރާއްޖޭގެ އެއްވެސް ތަނަކުން 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނެތުން، އަދި އެހެން ސަރަހައްދުތަކުގައި ނަމަ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނެތުން. އަދި އެއްމެދު އިމާރާތަކުން ފްލެޓެއް ލިބިފައި ނުވަތަ ގަންނަން ފައިސާ ދައްކަމުންދާ މީހަކަށް ނުވުމާއި، މީގެ ކުރިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ޔުނިޓެއް ލިބިފައި ނުވުން، އަދި ވޭތުވެދިޔަ 20 އަހަރު ތެރޭގައި ދައުލަތުން ހެޔޮ އަގުގައި ދޫކުރި ގެދޮރު އިމާރާތްކުރާ ލޯނެއް ލިބިފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ.
2. ހެލްޕް-ޓު-ބިލްޑް (ގެދޮރު ބިނާކުރުމަށް ދޭ އެހީ)
މިއީ އަމިއްލަ ގޯތި އޮވެ، މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި ދިވެހިންނަށް ދިރިއުޅުމުގެ ބޭނުމަށް ގެއެއް ނުވަތަ ހައުސިން ޔުނިޓެއް އެޅުމަށް ދޭ އެހީއެކެވެ. މި އެހީ ދޫކުރާނީ:
- އަލަށް ގެއެއް އިމާރާތްކުރުމަށް.
- ހަދަން ފަށާފައިވާ ނުނިމިހުރި އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ނިންމުމަށް.
- ބާވެފައިވާ އިމާރާތެއް އަލުން ހެދުމަށް.
ދޫކުރާ ހިލޭ އެހީގެ މިންވަރާއި އުސޫލުތައް:
- އަތޮޅުތެރޭގެ ރަށްތަކަށް: ގްރޭޓާ މާލޭ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ހިލޭ އެހީގެ ގޮތުގައި ގޯއްޗަކަށް 200,000ރ. ދޫކުރާނެއެވެ.
- މާލެއަށް (ވިލިމާލެ އާއި ހުޅުމާލެ ނުހިމަނައި): ހިލޭ އެހީގެ ގޮތުގައި 200,000ރ. އިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާނެއެވެ. މިއީ ގޯތީގެ ވެރިފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކޮންމެ މީހަކަށް 200,000ރ. ގެ މަގުން، ގިނަވެގެން 5 މީހުންނަށް ނިސްބަތްވާ މިންވަރަށެވެ.
މި އެހީގެ އިތުރުން މާލީ އިދާރާއަކުން ފައިނޭންސިން ފެސިލިޓީއެއް ނެގުމަށް މި އުސޫލު ހުރަހެއް ނާޅައެވެ. ނަމަވެސް، އެ ފެސިލިޓީ ބޭނުންކޮށްގެން ކުރިން ނަގާފައިވާ ލޯނަކަށް ފައިސާ އިތުރުކުރުމެއް ނުވަތަ ރިފައިނޭންސް ކުރުމެއް ނުކުރެވޭނެއެވެ. އަދި ފެސިލިޓީގެ ފީތައް ދައްކަންޖެހޭނީ ވެރިފަރާތުންނެވެ.
މީގެ އިތުރުން، މި ސްކީމުގެ ދަށުން އެހީ ހޯދައިގެން އިމާރާތްކުރާ ގޯތި، އެހީ ލިބުނުތާ 25 އަހަރުގެ ތެރޭގައި ވިއްކާލައިފި ނަމަ، ސަރުކާރުން ދިން ހިލޭ އެހީގެ ހިއްސާއަށްވާ ފައިސާ ސަރުކާރުގެ ހައުސިން ފަންޑަށް އަނބުރާ ދައްކަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.