އަދިރިވުމުން އަންހެނުން ކަސްރަތުކުރަން ބޭރަށް ނުކުތުން މަދުވުން: މިއީ އަންހެނުންނަށް ކުރިމަތިވެފައިވާ "ފޮރުވިފައިވާ ކާފިއުއެއް" ކަމަށް ކެމްޕޭންތަކުން ބުނެފި!
ފިނި މޫސުމަށް ދުވާލުގެ އަލިކަން ކުރުވެ، ހަވީރު އަވަހަށް އަނދިރިވާން ފެށުމާއެކު، އަންހެނުންނަށް އެކަނި ބޭރަށް ނުކުމެ ދުވުމާއި ކަސްރަތުކުރުމުގެ މިނިވަންކަން ހަނިވެގެންދާކަމުގެ ކަންބޮޑުވުން ބައިނަލްއަގުވާމީ ފެންވަރުގައި އަނެއްކާވެސް ބޮޑުވެއްޖެއެވެ. އިނގިރޭސިވިލާތުގެ "ސްޕޯޓް އިންގްލެންޑް" އާއި "ދިސް ގާލް ކެން" ކެމްޕޭންގެ އިތުރުން ބައިނަލްއަގުވާމީ ތަފާތު މީޑިއާތަކުން އާންމުކޮށްފައިވާ އެންމެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، އިރުއޮއްސުމަށްފަހު އަންހެނުންނަށް ކުރިމަތިވާ މި ބިރުވެރިކަމަކީ އެމީހުންގެ އާންމު ދިރިއުޅުމުގެ މިނިވަންކަމަށް އެޅޭ "ފޮރުވިފައިވާ ކާފިއުއެއް" (Hidden Curfew) ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަންހެނުންގެ 55 އިންސައްތައަށްވުރެ ގިނަ މީހުން އަނދިރިވުމަށްފަހު އެކަނި ބޭރުގައި ކަސްރަތުކުރަން އަދި ދުވަން ނުކުންނަން ބިރުގަނެއެވެ. މިއީ ފިރިހެނުންނާ އަޅާބަލާއިރު ތިންގުނަ އިތުރު އަދަދެކެވެ. އަދި އަނދިރިވުމަށްފަހު ބޭރުތެރެއިން ޖިންސީ ފުރައްސާރައާއި، މީހުންގެ ފަރާތުން ކުރިމަތިވާ އެކި ބިރުދެއްކުންތަކަށް ސަމާލުވާންޖެހޭ މިންވަރު 69 އިންސައްތައަށް އިތުރުވެފައިވާކަން ދިރާސާތަކުން ދައްކައެވެ. މީގެ ސަބަބުން ގިނަ އަންހެނުން ވަނީ އަނދިރިވުމަށްފަހު ބޭރަށް ނުކުތުން ހުއްޓާލައި، ނުވަތަ އެކަނި ދިއުމުގެ ބަދަލުގައި އެހެން މީހުންނަށް އެމީހުން އުޅޭތަން "ލޮކޭޝަން" ހިއްސާކުރަން މަޖުބޫރުވެފައެވެ.
މި މައްސަލައާ ގުޅިގެން "ލެޓްސް ލިފްޓް ދަ ކާފިއު" (Let's Lift the Curfew) ގެ ނަމުގައި ބައިނަލްއަގުވާމީ ހަރަކާތްތަކެއް ވަނީ ފަށާފައެވެ. މި ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ މަގުތަކުގައި އަލިކަން އިތުރުކުރުމާއި، ކުޅިވަރު ކްލަބްތަކާއި މުޖުތަމައުތައް ގުޅިގެން އަންހެނުންނަށް ރައްކާތެރިކަމާއެކު ކަސްރަތުކުރެވޭނެ މާހައުލެއް ބިނާކުރުމަށް ސަރުކާރުތަކަށާއި ކައުންސިލްތަކަށް ބާރުއެޅުމެވެ. އަދި އަންހެނުންގެ ރައްކާތެރިކަމަކީ ހަމައެކަނި އަންހެނުން އަމިއްލައަށް ރައްކާތެރިވާން ކުރާކަމަކަށް ހެދުމުގެ ބަދަލުގައި، މުޅި މުޖުތަމައު އެކުގައި މަސައްކަތްކޮށްގެން ހައްލުކުރަންޖެހޭ އިޖުތިމާއީ މައްސަލައެއްކަން ކެމްޕޭންތަކުން ވަނީ ފާހަގަކޮށްފައެވެ.