އާދަޔާޚިލާފު ކަމެއް: މަގުމަތީގެ ނުރައްކާތެރިކަން ކުޑަކުރަން އަވަށެއްގެ އާންމުން ފުލުހުންނާއި ކެމެރާ ކޮށްޓައިގެން މަގުމަތީގައި ބަހައްޓައިފި
އިނގިރޭސިވިލާތުގެ ވޯވިކްޝަޔާ ކައުންޓީގެ ފިލޮންގްލީ (Fillongley) އަވަށުގެ އާންމުން، މަގުމަތީގައި ބާރަށް ދުއްވާ އުޅަނދުފަހަރުގެ ސްޕީޑް ކޮންޓްރޯލްކުރުމަށްޓަކައި، އެއްކޮށް ނޫލުން ވިޔެގެން (knitted) އިސްކޮޅު ހަމަވާ "ފޭކް" ޓްރެފިކް ފުލުހުންނާއި ސްޕީޑް ކެމެރާތަކެއް ހަދައި މަގުމަތީގައި ބަހައްޓައިގެން ދުނިޔޭގެ ސަމާލުކަން ހޯދައިފިއެވެ. މި އާދަޔާޚިލާފު ހަރަކާތަކީ އެ އަވަށުގެ މައި ހަތަރުއަނގޮޅި ކަންމަތީގައި ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ހިނގި 11 އެކްސިޑެންޓާ ގުޅިގެން، ޓްރެފިކް ބެލެހެއްޓުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިދިނުން ލަސްވަމުންދާތީ، އަވަށުގެ ރައްޔިތުން އިސްނަގައިގެން ކުރިއަށްގެންދިޔަ "ޔާން-ބޮމްބިންގ" (yarn-bombing) ކެމްޕޭނެކެވެ.
މި މަސައްކަތުގައި އެ އަވަށުގެ "ނިޓް އެންޑް ނެޓާ" (Knit and Natter) ގްރޫޕުގެ އަންހެނުން ވަނީ 4 މަސްދުވަސް ވަންދެން ބުރަކޮށް މަސައްކަތްކޮށް، މަގުމައްޗަށް ފުރިހަމަ ފަންނީ ދިރުމެއް ގެނެސްދީފައެވެ. އެގޮތުން ވިޔެގެން ހަދާފައިވާ ތަކެތީގެ ތެރޭގައި، ރީނދޫ ކުލައިގެ ފްލޮރެސެންޓް ހައި-ވިސް ޖެކެޓް އަޅުވައި ސްޕީޑް ގަން (speed gun) ހިފަހައްޓައިގެން ހުންނަ ފުލުހުންގެ މެނިކިން ބުދުތަކާއި، ސްޕީޑް ޗެކްކުރާ ކެމެރާތައް ހިމެނެއެވެ. މީގެ އިތުރުން، މަގު ހުރަސްކުރާ ޒީބްރާ ކްރޮސިން ނިޝާންތަކުގެ މަތީގައި ބަހައްޓާފައިވާ ކުދި ޒީބްރާތަކާއި، ސްޕީޑް މަޑުކުރުމަށް އިލްތިމާސްކުރާ ޝިއާރުތައް ހިފައިގެން ތިބޭ ކުޑަކުދިންގެ ބުދުތަކާއި، ބޮޑު ވެލާއެއްގެ ސިފައަށް ވިޔެފައިވާ ތަކެތިވެސް މަގުމަތީގައި ހަރުކޮށްފައިވެއެވެ.
އަވަށުގެ ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުން ބުނާ ގޮތުގައި، މި އުކުޅު ވަނީ އުންމީދުކުރި ވަރަށްވުރެ ބޮޑަށް ކާމިޔާބުވެފައެވެ . މަގުން ދަތުރުކުރާ ގިނަ ޑްރައިވަރުންނަށް ދުރުން މި ބުދުތަކާއި ކެމެރާތައް ފެނުމުން، އެއީ ފުލުހުންގެ ހަގީގީ ސްޕީޑް ޓްރެޕެއް ކަމަށް ހީކޮށް ކުއްލިއަކަށް ބްރޭކްޖަހައި އުޅަނދުތަކުގެ ސްޕީޑް މަޑުކުރާ މަންޒަރު އާންމުކޮށް ފެންނަމުންދެއެވެ .
ނަމަވެސް، މަގުމަތީގައި މި ތަކެތި ބެހެއްޓިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހޯދި އެއް ބުދު ވަނީ މަގުމަތިން ގެއްލިފައެވެ . އެއީ އަވަށުގެ އަންހެނަކު އޭނާގެ މަރުވެފައިވާ ބައްޕަގެ ހަނދާނުގައި ވޯލްޑް ވޯ 2 ގެ ރޯޔަލް އެއާފޯސް (RAF) ޔުނިފޯމެއް ވިޔެގެން އަޅުވާފައި ހުރި މެނިކިން ބުދެކެވެ. ހެނދުނުގެ ވަގުތެއްގައި ވައްކަންކޮށްގެން ގެންދިޔަ މި ބުދު ހޯދުމަށް ފުލުހުންނަށް ރިޕޯޓްކޮށް، އަވަށުގެ ރައްޔިތުން ވަނީ އެ އަނބުރާ ގެނެސްދިނުމަށް ސޯޝަލް މީޑިއާގައި އާދޭސްކޮށްފައެވެ. ވޯވިކްޝަޔާ ކައުންޓީ ކައުންސިލުން އެ ސަރަޙައްދުގައި ޓްރެފިކް ލައިޓް ނުވަތަ އެވްރެޖް ސްޕީޑް ކެމެރާ ހަރުކުރުމުގެ މަޝްރޫއުތައް ދިރާސާކުރަމުންދާއިރު، އަވަށުގެ ރައްޔިތުންގެ މި އުފެއްދުންތެރި އަދި މަޖާ ހަރަކާތް މިހާރު ވަނީ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދާފައެވެ.
