9 އަހަރުގެ މެދުކެނޑުމަކަށްފަހު، ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލަކާއެކު ހުޅުމާލޭ ވޯޓާ ތީމް ޕާކުގެ މަސައްކަތް އަލުން ފަށައިފި
މީގެ ނުވަ އަހަރު ކުރިން ފަށައި، އެކި ސަބަބުތަކާ ހުރެ ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓާ ތީމް ޕާކު މަޝްރޫއުގެ އަމަލީ މަސައްކަތް، ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލެއް ހިމެނޭ ފުޅާ މާސްޓާ ޕްލޭނެއްގެ ދަށުން މިއަދު އަލުން ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މިއަދު އެ ސަރަހައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. 2017 ވަނަ އަހަރު ފެށި މި މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މިހާރު ނުވަ އަހަރު ވެފައިވާއިރު، ސޮލެންޒަރާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލަފާކުރެއެވެ.

41,549.7 އަކަމީޓަރުގެ ބިޔަ މާސްޓާ ޕްލޭން
ދިވެހި އާއިލާތަކަށާއި ފަތުރުވެރިންނަށް ހުޅުމާލޭގެ އައްސޭރިފަށުން ތަފާތު ތަޖުރިބާއެއް ގެނެސްދިނުމަށް، ޖުމުލަ 41,549.7 އަކަމީޓަރުގެ ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ތަރައްގީކުރާ މި މަޝްރޫއު އެކުލެވިގެންވަނީ ވޯޓާ ތީމް ޕާކަކާއި 'ވޯކޯ' (voco) ބްރޭންޑުގެ ރިސޯޓް ހޮޓަލެއްގެ މައްޗަށެވެ.
ވޯޓާ ތީމް ޕާކުގައި ހިމެނޭ މައިގަނޑު ވަސީލަތްތައް: ހުޅުމާލޭ އަތިރިމަތީގައި މޫދާ ގުޅިފައިވާ ގޮތަށް ތަރައްގީކުރާ މި ޕާކުގައި 11 ވޯޓާ އެޓްރެކްޝަނާއި ޚިދުމަތްދޭ 30 ވަސީލަތް ހުންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އަށް ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއަކާއި ފޯރިގަދަ 'ޓޯނޭޑޯ ސްލައިޑެއް'
- 290 މީޓަރު ދިގު 'ލޭޒީ ރިވާ' އެއް
- 900 އަކަމީޓަރުގެ 'ނިއުމެޓިކް ވޭވް ޕޫލް' އަކާއި 1,900 އަކަމީޓަރުގެ 'ސްޕްލޭޝް ޕެޑް' އަދި 'ވޯޓާ ހައުސް' އެއް
- ކުޑަކުދިންނަށް ޚާއްޞަ 'ކިޑްސް ބޫމަރޭންގް ސްލައިޑް'، 'ޓޮޑްލަރ ޕޫލް' އަދި 'ކިޑްސް ސްލައިޑްސް'
- އަރާމުކޮށްލުމަށް 200 އަކަމީޓަރުގެ 'ސްޕާ ޕޫލް' އަކާއި މޫދު ފެންނަ ގޮތަށް އޮންނަ 230 އަކަމީޓަރުގެ 'އިންފިނިޓީ ބަބްލް ޕޫލް' އެއް
- މޫދު މަތީގައި އޮންނަ 'އިންފްލޭޓަބަލް ޗެލެންޖް ގޭމްސް'، ކޯސްޓަލް ވޯޓާ ސްލައިޑް، 'އޯވަހޭންގިންގ ވިއުއިންގ ޕްލެޓްފޯމް' އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް

ރިސޯޓް ހޮޓަލާއި ވިޔަފާރި އަދި އޮފީސް ޖާގަތައް: އާ މާސްޓާ ޕްލޭންގެ ދަށުން ތަރައްގީކުރާ 'ވޯކޯ ރިސޯޓް ހޮޓަލު'ގައި ޖުމުލަ 250 ކޮޓަރިއާއި ސުއިޓް ހިމެނޭއިރު، 95 ސާވިސްޑް އެޕާޓްމަންޓާއި، ދިގު މުއްދަތަށް ކުއްޔަށް ދޭ 15 ލޯންގް-ސްޓޭ އެޕާޓްމަންޓް އަދި ބީޗްފްރަންޓް 3 ހޮޓެލް ވިލާ ގާއިމުކުރާނެއެވެ.
މީގެ އިތުރުން، މި ސަރަހައްދުގައި ތަރައްގީކުރާ އެހެނިހެން އިމާރާތްތަކުގެ ތެރޭގައި:
- 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތަކާއި، ފަސް ފަންގިފިލާގެ އޮފީސް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތެއް
- ރެސްޓޯރެންޓަކާއި، ފޮޓޯ ނަގާ ޚާއްޞަ ތަންތަނުގެ އިތުރުން މަލްޓިމީޑިއާ ޒޯނެއް
- 2,942 އަކަމީޓަރުގެ ރީޓެއިލް ވިޔަފާރި ޖާގައަކާއި ސްޓޯލް ކުއްޔަށް ދޫކުރާ ވައިރަލް މާކެޓެއް
- 3,550 އަކަމީޓަރުގެ ސަރަހައްދެއްގައި ހަ ފަންގިފިލާ އާއި ތިން ފަންގިފިލާގެ ދެ އޮފީސް އިމާރާތް (އަދި މިހާރު ހުރި އިމާރާތްތައް މަރާމާތުކޮށް ބޭނުންކުރުން)
- އިމާރާތްތަކުގެ ބޭސްމަންޓުގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ ޒަމާނީ ޕާކިން އިންތިޒާމެއް ވެސް ހިމެނެއެވެ.
ހުއްޓިފައި އޮތް މި ބިޔަ މަޝްރޫއު އަލުން ފެށުމާ ގުޅޭގޮތުން އެޗްޑީސީން ބުނީ، މިއީ ހުޅުމާލޭގައި އެކި ސަބަބުތަކާ ހުރެ ދިގުލައިގެން ގޮސް ހުއްޓިފައި ހުރި ބޮޑެތި މަޝްރޫއުތަކަށް ހައްލު ހޯދައިދީ، އޭގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ ކާމިޔާބު މަސައްކަތްތަކަށް އިތުރުވި މުހިންމު ބޮޅެއް ކަމަށެވެ.
