35 އަހަރުގެ ބުރަ މަސައްކަތުން 8 އަންހެން ދަރިން ޑޮކްޓަރުންނަށް ހެދި މިސްރުގެ ބައްޕައަކަށް މުޅި ދުނިޔޭގެ ތައުރީފު!



މިސްރުގެ ފައްޔޫމް ޕްރޮވިންސަށް ނިސްބަތްވާ އާދައިގެ މަސައްކަތްތެރި ބައްޕައަކު، އޭނާގެ އަށް އަންހެން ދަރިން ޑޮކްޓަރުންގެ ގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައަށް ނެރެދިނުމަށްޓަކައި 35 އަހަރު ވަންދެން ވެފައިވާ މަތިވެރި ގުރުބާނީގެ ވާހަކައަށް މިއަދު މުޅި ދުނިޔޭގެ ސަމާލުކަމާއި ސާބަސް އޮހެން ފަށައިފިއެވެ.
އާންމު ނަމުން ނަމަ "ޗާޗާ ސަލާހު" ގެ ނަމުން މަޝްހޫރުވެފައިވާ މި ހިތްވަރުގަދަ ބައްޕަގެ އަސަރުގަދަ ވާހަކައަކީ، ފަގީރުކަމާއި މާލީ ދަތިކަމުގެ ސަބަބުން ދަރިންގެ ތައުލީމަށް ހުރަސްއެޅިދާނެ ކަމަށް ގަބޫލުކުރާ މީހުންގެ ލޯތައް ހުޅުވައިލަދީ، އެތައް ބައެއްގެ ލޮލުން ކަރުނަ ފޮދު އޮއްސުވާލި ވާހަކައެކެވެ. މާލީ ގޮތުން ނުހަނު ދަތި ހާލުގައި ދިރިއުޅެން ޖެހުނު ނަމަވެސް، ޗާޗާ ސަލާހު ދުވަހަކުވެސް އުންމީދު ކަނޑައެއް ނުލައެވެ.
އޭނާގެ އަމިއްލަ އެދުންތަކާއި އުފާތައް އެއްފަރާތްކޮށް، ދަރިންގެ ކިޔެވުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ރެޔާއި ދުވާލު މަސައްކަތް ކުރީ ގަލާއި ސިމެންތި އުފުލައިގެންނެވެ. އެ ބުރަ އުނދަގޫ މަސައްކަތުން ލިބުނު ކުޑަ އާމްދަނީން، ދަރިންގެ ކިޔެވުމަށް އެއްވެސް ހުރަހެއް އެޅުނަ ނުދީ 35 އަހަރު ދުވަހުގެ މިންނެތް މަސައްކަތް އޭނާ ކުރިއަށް ގެންދިޔައެވެ.
މިއަދު މި ބައްޕަގެ ހިތްވަރުގެ ނަތީޖާ ފެނިގެން ގޮސްފައިވަނީ ވަރަށްވެސް ފަޚުރުވެރި ގޮތަކަށެވެ. އޭނާގެ އަށް އަންހެން ދަރިންނަކީވެސް މިއަދު މެޑިކަލް ދާއިރާގެ އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ ޑޮކްޓަރުންނެވެ. މިއީ ހަމައެކަނި އެ އާއިލާއަށް ލިބުނު ޝަރަފެއް ނޫނެވެ. މުޅި މިސްރަށާއި މުޅި ދުނިޔެއަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެކެވެ.
ޗާޗާ ސަލާހުގެ މި ނަމޫނާ މަސައްކަތަކީ، އަންހެން ދަރިންނަކީ ބުރައެއްގެ ގޮތުގައި ދެކޭ ފަރާތްތަކަށް ދެވުނު ވަރުގަދަ ރައްދެކެވެ. އަދި ބައްޕައަކު ވަރުގަދަ އަޒުމަކާއެކު އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްފިނަމަ، ދަރިންގެ މުސްތަގުބަލަށްޓަކައި ބަންދުވެފައިވާ ކޮންމެ ދޮރެއް ހުޅުވައިދެވިދާނެކަން ސާބިތުކޮށްދިން، ޒަމާނަށް ދޫނުވާނެ ފަދަ އަގުހުރި ފިލާވަޅެކެވެ.