3 މަސް ވަންދެން ކޮންމެ ދުވަހަކު ގަދަ ރަތް ޓޮމާޓޯގެ ޕޭސްޓް ކޭ މީހުންގެ ސިކުނޑީގެ މަސައްކަތަށް އެދެވޭ ބޮޑެތި ބަދަލުތަކެއް — ދިރާސާ
ސައިންސްވެރިން ކުރި އާ ދިރާސާއަކުން ދައްކާގޮތުގައި، 3 މަސް ދުވަހުގެ މުއްދަތަށް ކޮންމެ ދުވަހަކު ގަވާއިދުން ގަދަ ރަތްކުލައިގެ ޓޮމާޓޯ އިން ތައްޔާރުކޮށްފައިވާ 35 ގްރާމްގެ ޓޮމާޓޯ ޕޭސްޓް (އާންމު މިންގަނޑުން ބަލާނަމަ 1.5 އާއި 2 ސަމުސާ) ކެއުމުގައި ބޭނުންކުރި މީހުންގެ ސިކުނޑީގެ ނާރުތަކުގެ ގުޅުމަށާއި (Brain Connectivity)، ސަމާލުކަމާއި ހަނދާންބެހެއްޓުމުގެ ޤާބިލުކަމަށް ފާހަގަކޮށްލެވޭ ފަދަ އެދެވޭ ބަދަލުތަކެއް ވަނީ އައިސްފައެވެ.
މެޑިކަލް އަދި ސައިންސް ޖަރނަލްތަކުންނާއި ނިއުސްވީކް (Newsweek) ފަދަ މަޝްހޫރު ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދިރާސާ ޚާއްޞަކޮށްފައިވަނީ އާންމު ގަދަ ރަތް ޓޮމާޓޯތަކަށެވެ. ޓޮމާޓޯގައި އެއެކުލެވޭ ގަދަ ރަތްކުލަ ގެނެސްދެނީ ލައިކޯޕީން (Lycopene) ނަމަކަށް ކިޔާ ވަރުގަދަ އެންޓިއޮކްސިޑެންޓަކުންނެވެ. މިއީ ސިކުނޑީގެ ނާރުތައް ރައްކާތެރިކޮށްދީ، ސިކުނޑީގައި އުފެދޭ ދުޅަހެޔޮނޫން މާއްދާތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިގެންވާ މާއްދާއެކެވެ. ރީނދޫ ނުވަތަ ފެހި ކުލައިގެ ޓޮމާޓޯތަކުގައި މި މާއްދާ އެކުލެވޭ މިންވަރު ސީދާ ރަތް ޓޮމާޓޯއާ އަޅާބަލާއިރު ވަރަށް ކުޑައެވެ.
3 މަސް ދުވަހުގެ ދިރާސާއަށްފަހު ބައިވެރިންގެ ސިކުނޑީގެ އެމްއާރުއައި (MRI) ސްކޭންތަކާއި ކޮގްނިޓިވް ޓެސްޓުތަކުން ދެއްކި މުހިންމު ނުކުތާތައް:
- މިންވަރާއި ބޭނުންކުރި ގޮތް: ދިރާސާގެ ބައިވެރިން ކޮންމެ ދުވަހަކު ބޭނުންކުރީ 35 ގްރާމްގެ ޓޮމާޓޯ ޕޭސްޓެވެ. ރޯކޮށް ކެއުމަށްވުރެ، ކައްކައިގެން ނުވަތަ ޕޭސްޓްގެ ގޮތުގައި ބޭނުންކުރުމުން ޓޮމާޓޯގެ ސެލްވޯލްތައް ހަލާކުވެ، ހަށިގަނޑަށް ލައިކޯޕީން 'ދަމައިގަތުން' މާ ފަސޭހަވާކަން ސައިންސްވެރިން ފާހަގަކުރެއެވެ.
- ސަމާލުކަމާއި ހަނދާން: ބައިވެރިންގެ ސަމާލުކަން ދިނުމުގެ މުއްދަތާއި، ކަންކަން ހަނދާނުގައި ބެހެއްޓުމުގެ ޤާބިލުކަން ވަނީ އިތުރުވެފައެވެ.
- ސިކުނޑީގެ ނެޓްވޯކް: ސިކުނޑީގެ އެކި ބައިތަކުގެ މެދުގައިވާ މުއާމަލާތްތަކާއި ގުޅުންތައް (Functional Connectivity) ވަނީ އިތުރަށް ހަރުދަނާވެފައެވެ.
މި ދިރާސާއިން އެނގިގެންދަނީ ދިރިއުޅުމުގެ އާންމު ކާނާގެ ތެރޭގައި ގަދަ ރަތް ޓޮމާޓޯ ނުވަތަ ޓޮމާޓޯގެ ޕޭސްޓް ގަވާއިދުން ހިމެނުމަކީ އުމުރުން ދުވަސްވާވަރަކަށް ސިކުނޑިއަށް އަންނަ ބަލިތަކުން (އަލްޒައިމަރސް ފަދަ) ރައްކާތެރިވުމަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމެވެ.
