25 އަހަރުގެ ލޯތްބަށްފަހު، ރާއްޖޭގެ ކަނޑުއަޑީގައި ކައިވެނިކޮށްފި!
ލޯބީގެ ގުޅުމަކަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ މީހުން ހިޔާރުކުރާނީ ރީތި ރެސްޓޯރަންޓަކުން ކެއުމެއް ނުވަތަ ކުލަގަދަ ހަފްލާއެކެވެ. ނަމަވެސް، ޖަރުމަނުގެ ދެމަފިރިން ކަމަށްވާ ފްރޭންކް އަދި ހައިކީ ރީސްޓޯރްފް ނިންމީ މުޅިން ތަފާތު، އާދަޔާޚިލާފު ގޮތަކަށް އެމީހުންގެ ރިހިޖުބިލީ ފާހަގަކުރާށެވެ.
އާންމުކޮށް ފެންނަ ފައްޅި ނުވަތަ އަތިރިމަތީގެ ކާވެނި ހަފްލާތައް ދޫކޮށްލުމަށްފަހު، މި ދެމަފިރިން ވަނީ ވިލާ ނޯޓިކާ (ޕެރަޑައިސް އައިލެންޑް) ރިސޯޓުގެ މާގިރި ފަރުގެ ކަނޑުއަޑީގައި، ކަނޑުގެ ދިރުންތަކުގެ މެދުގައި "އާނއެކޭ" ބުނެ، ކައިވެނީގެ ވައުދުތައް އާކޮށްފައެވެ.
ކަނޑުއަޑީގެ "ބަބުލް އައިލެންޑް" އާއި ޚާއްޞަ ތައްޔާރީތައް
މި އާދަޔާޚިލާފު ހަފްލާއަށްޓަކައި ރިސޯޓުގެ "ޑައިވް އޯޝަނަސް" ޓީމުން ވަނީ ކަނޑުއަޑީގައި ހިތުގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ ފްރޭމެއް ބަހައްޓައި، 12 ޑައިވިންގ ސިލިންޑަރު ބޭނުންކޮށްގެން ކަނޑުއަޑިން ބޮކިއަރާ ގޮތަށް "ބަބުލް އައިލެންޑެއް" އުފައްދާފައެވެ.
އަދި ކައިވެނީގެ ވައުދުތައް ލިޔެފައިވަނީ ޖަރުމަން ބަހުން ޚާއްޞަކޮށް ކަނޑުއަޑީގައި ބެހެއްޓޭނެހެން ކެނޑެވިފައިވާ ލަކުޑި ޕްލެކްތަކެއްގައެވެ.
ޑައިވްކުރަން ނޭނގޭ މެންބަރުންނަށް ވަގުތުން ތަމްރީނު!

މި ކައިވެނީގެ އެންމެ މަޖާ އަދި ޝައުޤުވެރި ކަމަކީ، ދެމަފިރިންގެ އާއިލާއާއި ރައްޓެހިން ކަނޑުއަޑީގެ ހަފްލާގައި ބައިވެރިކުރި ގޮތެވެ. ދެމަފިރިންގެ ދަރިފުޅާއި އޭނާގެ ބައިވެރިޔާގެ އިތުރުން، އެއްވެސް ވަރަކަށް ޑައިވްކުރަން ނޭނގޭ ދެ ރައްޓެހިންވެސް މޫދުއަޑިއަށް ފައިބަންޖެހުނެވެ.
އެހެންކަމުން، ޑައިވިންގ ޓީމުން ވަނީ ހަފްލާގެ ކުރިން އެ ދެ އެކުވެރިންނަށް "ޑިސްކަވަރ ސްކޫބާ ޑައިވިންގ" ކޯހެއް ދީ، ކަނޑުއަޑީގައި ރައްކާތެރިކަމާއެކު ހަރަކާތްތެރިވާނެ ގޮތް އަވަސް ގޮތަކަށް ދަސްކޮށްދީފައެވެ.
ސްކޫބާ ގިއަރު އަޅައިގެން، މޫނުމަތީ މާސްކުގެ ފަހަތުން އުފާވެރިކަމުގެ ކަރުނައާއެކު، ކަނޑުއަޑީގެ މަސްމަކާމެދު ސަލާމްކުރަމުން ހިންގި މި ކާވެނި ވެގެންދިޔައީ ވިލާ ނޯޓިކާ ރިސޯޓުގެ ތާރީޚުގައިވެސް ހިންގުނު އެންމެ އާދަޔާޚިލާފު އަދި ހިތްގައިމު އެއް ހަފްލާއަށެވެ.
