2100 އަށްވުރެ ގިނަ މީހުންނާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންގެ ފުރަތަމަ ކްރޫޒް ލައިނާ، މާލެ އަތުވެއްޖެ
ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރު ނުވަތަ ޕީކް ސީޒަންގެ ފުރަތަމަ ކްރޫޒް ލައިނާ ކަމަށްވާ "ކޯޑީލިއާ އެމްޕްރެސް" (Cordelia Empress)، 2,100 އަށްވުރެ ގިނަ ފަސިންޖަރުންނާއި ފަޅުވެރިންނާއެކު އަންގާރަ ދުވަހު މާލެ އަތުވެއްޖެއެވެ.
އިންޑިއާގެ ކޮޗިންއިން ފުރައިގެން ރާއްޖެ އައި މި ބޯޓަކީ ވޯޓާވޭސް ލެޝާ ޓޫރިޒަމްއިން ހިންގާ ކޯޑީލިއާ ކްރޫޒަސްގެ ބޯޓެކެވެ. ދާދި ފަހުން ކޮޗިންއަކީ މި ބޯޓުގެ މައި ހޯމްޕޯޓުގެ ގޮތުގައި ހަމަޖައްސާފައިވާއިރު، މި ދަތުރަކީ ކޮޗިންއިން ފުރައިގެން މާލެ އަދި ސްރީލަންކާގެ ކޮލަމްބޯއަށް ކުރާ 5 ރޭގެ ބައިނަލްއަގުވާމީ ދަތުރުގެ ބައެކެވެ. މާލޭގައި އެއް ދުވަހު މަޑުކުރުމަށްފަހު، ބުދަ ދުވަހު މި ބޯޓު ކޮލަމްބޯއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި ސީޒަނުގައި މި ބޯޓު ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރު ކަމަށްވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު 14 ދަތުރު ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
ކޯޑީލިއާ އެމްޕްރެސްއަށްފަހު ދެން އެންމެ އަވަހަށް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޓީ.ޔޫ.އައި ކްރޫޒަސް (TUI Cruises) ގެ "މެއިން ޝިފް 6" (Mein Schiff 6) އެވެ. ގާތްގަނޑަކަށް 2,500 އަށްވުރެ ގިނަ ފަސިންޖަރުން އުފުލުމުގެ ގާބިލުކަން ލިބިފައިވާ މި ބޯޓު އަންނަ ހޯމަ ދުވަހު (ނޮވެމްބަރު 30) މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޑިސެމްބަރު މަހުގެ ކުރީކޮޅު "އައިޑާސްޓެލާ" (AIDAstella) ފަދަ ބޮޑެތި ކްރޫޒް ލައިނާތައް ވެސް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އެޖެންޓްސް (މާޔާ) އިން އާންމުކޮށްފައިވާ ތާވަލު ދައްކާގޮތުން، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ 35 ކްރޫޒް ލައިނާއެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. މާޔާއިން ހާމަކޮށްފައިވާ ގޮތުގައި ބޯޓުތައް ރާއްޖެ އައުމަށް ތާވަލުކުރެވިފައިވާ ގޮތަކީ:
ނޮވެމްބަރު 2026: 2 ކްރޫޒް ލައިނާ
ޑިސެމްބަރު 2026: 4 ކްރޫޒް ލައިނާ
ފެބްރުއަރީ، މާރިޗު އަދި އޭޕްރީލް 2027: ކޮންމެ މަހަކު 7 ކްރޫޒް ލައިނާ
މޭ 2027: 6 ކްރޫޒް ލައިނާ
ޖޫން 2027: 2 ކްރޫޒް ލައިނާ
ކްރޫޒް ލައިނާތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިއަހަރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ކްރޫޒް ލައިނާތަކުގައި 17,248 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 16,232 ފަތުރުވެރިންނާ އަޅާބަލާއިރު 6.2 އިންސައްތައިގެ ކުރިއެރުމެކެވެ. މުޅި ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، 2026 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ކްރޫޒް ސީޒަން ފެށުމާއެކު، މާލެ ސަރަހައްދުގެ ވިޔަފާރިތަކަށާއި ޓުއާ އޮޕަރޭޓަރުންނަށް އިތުރު ދިރުމެއް ލިބި، އަހަރު ނިމުމުގެ ކުރިން ފަތުރުވެރިންގެ އަދަދު އިތުރަށް އުފުލިގެންދާނެ ކަމަށް ސިނާއަތުގެ ފަރާތްތަކުން އުންމީދު ކުރެއެވެ. އަދި މިކިމުގެ ސަބަބުންދިވެހިރާއްޖޭގެ އިކޮނަމީކުރިއަރާދިއުމުގެ ފުރުސަތުތައްބޮޑުކަމަށްފާހަގަކުރެވިގެންދެއެވެ.
