2،000 އަށްވުރެ ގިނަ ގޭމަރުންނާއެކު "ދިރާގު މޯލްޑިވްސް ގޭމިން ކޮންކެސްޓް" މިރޭ ކަލާފާނު ސްކޫލުގައި ފަށަނީ.
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް މިރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި އިވެންޓަކީ ހުރިހާ ފަރާތްތަކަށްވެސް މުޅިން ހިލޭ ވަދެވޭ ގޮތަށް ހުޅުވާލައިގެން، ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތުގެ ގޮތުގައި ދިރާގުން ސިފަކުރެއެވެ.
ކުރިއަށްދާނެ މުބާރާތްތަކާއި ގޭމްތައް :
މި އިވެންޓުގައި މޯބައިލް، ޕީ.ސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ފޯރިގަދަ މުބާރާތްތަކެއް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން:
- ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް އަދި ރޮކެޓް ލީގްގެ ފައިނަލް މެޗުތައް މި އިވެންޓުގައި ކުރިއަށްދާނެއެވެ.
- މީގެ އިތުރުން، އީ.އޭ ސްޕޯޓްސް އެފް.ސީ 27 އަދި ޓެކެންގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތާއި ތަފްސީލުތައް ވަރަށް އަވަހަށް އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މުނިފޫހިފިލުވުމުގެ އިތުރު ހަރަކާތްތައް :
ވާދަވެރި މެޗުތަކުގެ އިތުރުން، އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގޭމިން ދާއިރާގެ އެންމެ ފަހުގެ ތަޖުރިބާތައް ކޮށްލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އޭގެ ތެރޭގައި ވާޗުއަލް ރިއަލިޓީ (ވީ.އާރު)، ރޭސިންގ ސިމިއުލޭޓަރ އަދި މަގްބޫލު ޓޭބަލްޓޮޕް ގޭމެއް ކަމަށްވާ "ޑަންޖަންސް އެންޑް ޑްރެގަންސް" (ޑީ.އެންޑް.ޑީ) ފަދަ ޝައުގުވެރި ކުޅިވަރުތައް ހިމެނެއެވެ.
150،000 ރުފިޔާގެ ބޮޑު އިނާމެއް
މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތުގައި ބައިވެރިންގެ އަދަދު ވަނީ 2،000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150،000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކުގައެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށްވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތާއި ޑީ.ޖީ.ޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

