20 އަހަރުގެ "ނިދިން" ހޭލައި، ނާގޯށި ރިސޯޓު 11 މަސް ތެރޭގައި ހުޅުވަނީ!

ފާއިތުވި ދެ ދަހަރާ (20 އަހަރު) ވަންދެން އެކި ކުންފުނިތަކުގެ އަތްމަތިން ބަދަލުވެ، އެއްވެސް ކުރިއެރުމެއް ނުލިބި "ފަޅު ގީޗާ" އެއްގެ ގޮތުގައި އޮތް ހައްދުންމަތީ/ހާދާލު އަތޮޅުގެ ނާގޯށި ރިސޯޓު އެންމެ ފަހުން އޮޕަރޭޝަނަށް ގެނައުމުގެ ފަހު މަރުޙަލާއާ ދިމާލަށް މިސްރާބު ޖަހައިފިއެވެ!
ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ހާމަކުރެއްވި ގޮތުގައި، ގިނަ ދުވަސްތަކަކަށްފަހު "ބީއެމްއެލް" ގެ މާލީ އެހީތެރިކަމާއެކު އެމްޓީޑީސީން އަލުން ފެށި މި މަޝްރޫޢުގެ 50 އިންސައްތައަށްވުރެ ބޮޑުބައި މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ހުރަހެއްނެތި މަސައްކަތް ކުރިއަށްދާނަމަ، ކުރިއަށްއޮތް 11 މަސް ދުވަހުގެ ތެރޭގައި މި ރިސޯޓުގެ ދޮރުތައް ފަތުރުވެރިންނަށް ހުޅުވާލެވޭނެއެވެ.
76 ހެކްޓަރުގެ މުއްސަނދި ބޮޑު މި ރަށުގައި ފުރަތަމަ ފޭސްގެ ދަށުން 183 ވިލާ/ޔުނިޓް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ބީޗް ވިލާއާއި ވޯޓަރ ވިލާތައް ހިމެނެއެވެ. މި ރިސޯޓު މުޅިން ހުޅުވައި އޮޕަރޭޝަނަށް އައުމާއެކު، އަތޮޅުގެ ސަރަޙައްދީ އިޤްތިޞާދަށް ބޮޑު ދިރުމެއް ލިބި، ސީދާ 600 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ. 2006 ވަނަ އަހަރުން ފެށިގެން އެމްޓީޑީސީއާއި، ރަޝިޔާގެ އިންވެސްޓަރުންނާއި، ޔޫއޭއީގެ ގަލަދާރީ ގްރޫޕުގެ އަތްމަތިން އެކި ފަހަރު މަތިން ބަދަލުވަމުންދިޔަ މި ރިސޯޓަކީ، އުތުރުގެ ސަރަޙައްދުގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.