12 ކިލޯގެ މަސްތުވާތަކެއްޗާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި: އޭގެ ތެރޭގައި 72 ކިލޯގެ ޑްރަގު ކޭހާ ގުޅުންހުރި މީހަކު ހިމެނޭ
ތައިލެންޑުގެ ވެރިރަށް ބެންކޮކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ތައިލެންޑު ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދާއި، 34 އަހަރުގެ މުހައްމަދު ވިޝާމް އެވެ. މީގެ ތެރެއިން ވިޝާމް އަކީ މީގެ ކުރިން ދިވެހިރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައިވެސް ތުހުމަތުކުރެވި، ދައުވާކުރެވުނު މީހެކެވެ. ނަމަވެސް އެ މައްސަލައިގައި ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ހުކުމްކޮށްފައެވެ.
ތައިލެންޑުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގު ފަށާފައިވަނީ އޮކްޓޯބަރު 5 ވަނަ ދުވަހުއެވެ. އެއީ ބެންކޮކްގެ އަވަށެއްކަމަށްވާ ޕްރާތުނާމް ސަރަހައްދުގައި ހުންނަ ކާގޯ ހިދުމަތްދޭ ތަނަކަށް ބޭރު މީހަކު ޓޭޕް އަޅައި ވަރަށް ބާރަށް ބަންދުކޮށްފައިވާ ބޮޑެތި ފޮށިތަކެއް ގެނައުމުން، އެ ފޮށިތަކުން ނުބައި ވަހެއް ދުވާތީ ކާގޯ އޮފީހުގެ މުވައްޒަފުން ދިން ރިޕޯޓަކާ ގުޅިގެންނެވެ. ފޮށިތަކުގައި ގާނޫނާ ހިލާފު ތަކެތި ހުރެދާނެކަމުގެ ޝައްކުގައި ކާގޯ އޮފީހުން ވަނީ އެ ތަކެތި ފޮނުވައިދޭން އިންކާރުކޮށް، އަނބުރާ ގެންދިއުމަށް އެދި، އަދި އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
ފުލުހުން އެ މީހުން ތިބި ތަން ހޯދައި ބަލައިފާސްކުރިއިރު، ފަސް ބޮޑު ފޮށި ފެނިފައިވެއެވެ. އޭގެ ތެރޭގައި 2.37 ކިލޯގެ ކްރިސްޓަލް މެތް (އައިސް) އާއި 10 ކިލޯގެ ކެނަބިސް (ގަންޖާ) ހުއްޓެވެ. މިއީ އާދައިގެ މުދާތަކެއްގެ ގޮތުގައި ދެއްކުމަށްޓަކައި، ކުޑަކުދިންގެ ހެދުމާއި، ކުޅޭ ކާރާއި، އަދި ދަގަނޑު ތަރުމޯޒުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުރި ތަކެއްޗެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިން ޕަޔާތައި Police Station އަށް ގެންގޮސް، ވިއްކުމުގެ ނިޔަތުގައި ގާނޫނާ ހިލާފަށް މަސްތުވާތަކެތި ގެންގުޅެ ބަހައި ހެދިކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. ނަމަވެސް އެ ދެ މީހުންވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
އެ މީހުން ބުނެފައިވަނީ އެ ފޮށިތަކުގައި ހުރީ މަސްތުވާތަކެތިކަން ނޭނގޭ ކަމަށާއި، އެއީ ރައްޓެއްސަކު އެދިގެން ފޮނުވައިދޭން އުޅުނު ފޮށިތަކެއް ކަމަށެވެ. އަދި ފުރަތަމަ ގެންދިޔަ ކާގޯ ކުންފުނިން ވަސްދުވާތީ ފޮށިތަކާ ހަވާލުވާން އިންކާރުކުރުމުން، އެ ތަކެތި އެ މީހުން ތިބި ތަނަށް އަނބުރާ ގެންގޮސް ބެހެއްޓީ ކަމަށްވެސް އެ މީހުން ވަނީ ބުނެފައެވެ.
ތައިލެންޑު ފުލުހުން މިހާރު ދަނީ މި ދެ މީހުންނަކީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުންހުރި ބައެއްތޯ ބަލައި، މި ކަމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ އިތުރު ބޭރު ގައުމުތަކުގެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
