ޒަޔަނިޒަމްއާ ދެކޮޅަށް އެންމެ ސާބިތުކަމާއެކު ވަކާލާތުކުރެއްވި ވެރިޔަކީ އެމަނިކުފާނު ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެ
ރާއްޖޭގެ ތާރީޚުގައިވެސް އިސްރާއީލުގެ ޒަޔަނިސްޓް ފިކުރާއި ޖެނެސައިޑާއި ދެކޮޅަށް އެންމެ ފުޅާދާއިރާއެއްގައި އަދި ސާބިތުކަމާއެކު ފިޔަވަޅުތައް އަޅުއްވައި ވަކާލާތުކުރެއްވި ވެރިޔަކީ އެމަނިކުފާނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއި، ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ) ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަދެފައިވާކަމީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިވާ ކަމެއް ނޫނެވެ.
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމުގެ ޤާނޫނީ މަސައްކަތްތައް ލަސްވަމުންދާތީ އާންމުން ކުރާ މަލާމާތާއި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެކަމުގައި ބައިނަލްއަޤްވާމީ އިޤްތިޞާދީ އަދި ސިޔާސީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ މަސްރަޙުގައި ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.