ޒަކާތުން ފަގީރުކަން ނައްތާލުމަށް އާ މަގުޗާޓެއް: 'އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2026' މާލޭގައި ފަށައިފި!
ޒަކާތުގެ ނިޒާމު ހަމައެކަނި ވަގުތީ އެހީއެއްގެ ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި، ފަގީރުކަމުގެ މައިގަނޑު ސަބަބުތައް ނައްތާލައި އިޤްތިޞާދީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށްޓަކައި ބާއްވާ "އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2026" (INZAC 2026) މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރަސްމީކޮށް ފަށައިފިއެވެ!
މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކުރި މި ކޮންފަރެންސަކީ ރާއްޖެއާއި ބޭރުގެ ކަމާބެހޭ މާހިރުން އެއްގަލަކަށް އަރުވައި، އިސްލާމީ މާލީ ނިޒާމުގެ ތެރެއިން ޒަކާތާއި ވަޤުފުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ ބޮޑު ހަރަކާތެކެވެ.
ކޮންފަރެންސް ބެހިގެންވަނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެއީ އާއިލާތަކަށް ދިމާވާ އިޤްތިޞާދީ ގޮންޖެހުންތަކާއި، ސަރުކާރާއި އަމިއްލަ ޖަމްޢިއްޔާތައް ގުޅިގެން ފޯރުކޮށްދެވޭނެ އެހީތެރިކަމުގެ އިތުރުން، ޒަކާތް ނަގާފަރާތްތަކުން ޒަކާތް ދެވޭފަދަ ތަނަވަސް ބަޔަކަށް ބަދަލުކުރުމުގެ ސިޔާސަތުތަކުގެ މައްޗަށެވެ.
މެލޭޝިޔާގެ ޔުނިވަރސިޓީތަކާއި، ޒަކާތު އިދާރާތަކުގެ އިސް ބޭފުޅުން ވަނީ މި ކޮންފަރެންސްގައި ކީނޯޓް އެޑްރެސް ދެއްވައި، އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ. މި ކޮންފަރެންސްގެ މައި ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ވަނީ ބައިވެރިވެފައެވެ.
