Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ވަކިދީނަކާ ދެކޮޅަށާއި އިގްތިސާދަށް ގެއްލުންހުރި އަމަލުކުރުން ކުށަކަށް ހަދައި ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަނީ

ވަކިދީނަކާ ދެކޮޅަށާއި އިގްތިސާދަށް ގެއްލުންހުރި އަމަލުކުރުން ކުށަކަށް ހަދައި ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަނީ
ތަފްޞީލް

ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިޞާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހެދޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ، މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.


އެ ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައި ވަނީ، ރާއްޖޭން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލު އާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ


މީގެ އިތުރުން، އެ ކުށުގެ އަދަބު ބަޔާންކުރުމަށް ގާނޫނުލްއުގޫބާތަށް ގެންނަން ޖެހޭ އިސްލާހުތަކާއި ދައުލަތަށް ޚިޔާނާތްތެރިވުމާއި އިގުތިޞާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތައް ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ ވެސް މަގުސަދެއް ކަމަށް ބުނެފައިވެއެވެ.


 އަދި، އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ބޮޑުކުރުމަށްޓަކައި އެ ގާނޫނަށް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ. އެ ބިލުގައި ވަނީ، ގާނޫނުގެ 140 ވަނަ ބާބުގެ ފަހަތަށް ގަތުލުއާންމުގެ ނަމުގައި މާއްދާއެއް ހިމެނުމަށް ހުށަހަޅާފައެވެ. މިގޮތުން، ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ފަސް ކަމެއް ކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ހިމެނެނީ:


  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުން
  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާ ދިނުން
  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް، އެ ބަޔަކު އެކުގައި ނުވަތަ އޭގެތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާ ފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުން
  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ދަރިން އުފަންވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އެޅުން
  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން


އެ އަމަލު ހިންގާފައި ވަނީ އެ ޖަމާއަތެއްގެ ބަޔަކު އެކުގައި ނުވަތަ އޭގެތެރެއިން ބޮޑު ބައެއް ނެތިކޮށްލުމުގެ ނިޔަތުގައި ކަމަށް ވާން ޖެހޭ ކަމަށް ވެސް ބިލުގައި ވަނީ ބުނެފައެވެ.


އެއާއެކު، ދައުލަތުގެ އިގުތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ކުރާ ހަތަރު ކަމެއް ކުރުމަކީ ކުށެއް ކަމުގައި ހަދަން ވެސް ވަނީ ބިލުގައިވެއެވެ.


އޭގެ ތެރޭގައި، މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ އެ ފަދަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރު ސިސްޓަމަށް ގެއްލުންދިނުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ހިމަނާފައިވެއެވެ.


އެ ކަންކަމަށް އަމަލުކުރަން ފަށާނީ، ގާނޫނު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވައި، ގެޒެޓުގައި ޝާއިއުކުރެއްވުމުންނެވެ.


މި ފަދަ ބިލެއް ސަރުކާރުން ހުށަހަޅާފައިވަނީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.


މި ގާނޫނު އުފަންކުރުވަން އުޅޭ މިވަގުތަކީ ރަސްމާލޭގެ ބިމުން 500 ހެކްޓަރގެ 99 އަހަރުން 99 އަހަރަށް އިތުރުވަމުންދާ ގޮތަށް އެތަނުގައި އިމާރާތްކުރާ އެޕާޓްމަންޓްތައް ( އެތަނުގެ މިލްކުވެރިކަން ) ބޭރުގެ ކޮންމެ ގައުމަކަށް ނިސްބަތްވާ މީހަކަށްވެސް 99 އަހަރަށް މިލްކު ކުރެވޭގޮތަށް ދޫކުރުމާ ދެކޮޅަށް ރައްޔިތުންގެ އަޑުގަދަ ވަމުންދާ ދަނޑިވަޅެއްގައެވެ.  


 ވިހި ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ. ނަމަވެސް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވަނީ، ރަސްމާލެ މަޝްރޫއުގެ ދަށުން އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. 


Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all