Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ތައުލީމުގެ ގާނޫނަށް އިސްލާހު ގެނެސް "ހޯމް-ސްކޫލިން" ނިޒާމު ތައާރަފްކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި!

ތައުލީމުގެ ގާނޫނަށް އިސްލާހު ގެނެސް "ހޯމް-ސްކޫލިން" ނިޒާމު ތައާރަފްކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި!
Photo: BML
ތަފްޞީލް

 ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ ދަތިތަކެއްގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން އުނގެނުމަށް އުޒުރުވެރިވާ ދަރިވަރުންނަށް ގޭގައި ތިބެގެން ތައުލީމު ހާސިލުކުރެވޭނެ "ހޯމް-ސްކޫލިން" ނިޒާމެއް ތައާރަފްކުރުމަށްޓަކައި ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.


ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.


އިސްލާހުގެ މައިގަނޑު މަގުސަދު

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ކުއްޖާގެ ނަފްސާނީ ހާލަތަށާއި ހާއްސަ އެހީއަށް ބޭނުންވާ މިންވަރަށް ބަލައި، ހެދޭ ހާއްސަ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި ތިބެގެން މަދުރަސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ފަހިކޮށްދިނުމެވެ. މީގެ އިތުރުން "ހޯމް-ސްކޫލިން" ޕްރޮގްރާމްގެ ދަށުން ކިޔެވޭނެ ޝަރުތުތަކާއި އުސޫލުތައް ކަނޑައެޅުމާއި، މި ނިޒާމު ތަންފީޒުކުރުމުގައި ބެލެނިވެރިން، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު މިހާރަށްވުރެ ތަފްސީލީ ގޮތެއްގައި ބަޔާންކުރުން މި ބިލުގައި ހިމެނެއެވެ.

މިފަދަ އިސްލާހެއް މަޖިލީހަށް ހުށަހެޅިގެން މިދިޔައީ ގޭގައި ތިބެގެން ކިޔަވައިދެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް ބައެއް ބެލެނިވެރިން އެދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވީ ފަހުންނެވެ.


ހޯމް-ސްކޫލިންއަށް ޝަރުތުހަމަވާ ހާލަތްތައް

ތައުލީމު ހާސިލުކުރުން މަޖުބޫރުވާ އުމުރުގެ ކުދިންގެ ތެރެއިން، ހޯމް-ސްކޫލިންއަށް ޝަރުތުހަމަވާނީ މައިގަނޑު ތިން ހާލަތެއް މެދުވެރިވެގެންނެވެ:

ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން: ސްކޫލަށް ހާޒިރުވެގެން ކިޔެވުމަށް ނުކުޅެދޭ ވަރުގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ސިއްހީ މައްސަލައެއް ހުރުން.

ނަފްސާނީ ގޮންޖެހުންތަކެއް ހުރުން: ސްކޫލް މާހައުލުގައި އުނގެނުމަށް ހުރަސްއަޅާ ފަދަ ނަފްސާނީ ގޮންޖެހުންތަކެއް ނުވަތަ މައްސަލަތަކެއް ހުރުން.

އެނޫންވެސް ބޮޑު ހާއްސަ ހާލަތެއް ދިމާވުން: ޖިސްމާނީ ނުވަތަ ނަފްސާނީ މައްސަލައެއްގެ އިތުރުންވެސް، ސްކޫލަށް ހާޒިރުވުމަށް އުޒުރުވެރިވާ ފަދަ އެހެން ހާއްސަ ސަބަބެއް މެދުވެރިވުން.


ބައިވެރިވުމަށް ހުންނަންޖެހޭ އަސާސީ ޝަރުތުތައް

މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ދަރިވަރުގެ ކިބައިގައި އަންނަނިވި އަސާސީ ޝަރުތުތައް ހުންނަންޖެހޭނެއެވެ:

ސްކޫލަށް ހާޒިރުވެގެން ކިޔެވުމަށް ނުކުޅެދިފައިވާ ކުއްޖަކަށްވުން.

ގޭގައި ކިޔަވައިދިނުމަށް ބޭނުންވާ މާލީ ގާބިލުކަން ނުވަތަ ތަނަވަސްކަން ބެލެނިވެރިންގެ ކިބައިގައި ހުރުން.

ހޯމް-ސްކޫލިންގައި ކިޔަވާ ކުއްޖާއަކީ ވެސް ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލެއްގައި ރަޖިސްޓަރީވެފައިވާ ކުއްޖަކަށްވުން.


އެޑިއުކޭޝަން މިނިސްޓްރީގެ މަސްއޫލިއްޔަތުތައް

ބިލުގައިވާ ގޮތުން، މި އުސޫލުން ކިޔަވާ ކުދިން ކަނޑައެޅުމަށްޓަކައި އެސެސްމެންޓްތައް ހަދާނެ ގޮތުގެ ގަވައިދާއި، ކުދިން ރަޖިސްޓަރީކުރުމާއި، ކިޔަވައިދޭނެ ޕްލޭންތައް އެކުލަވައިލުމާއި، މުދައްރިސުންގެ ޝަރުތުތައް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ތައުލީމީ ވުޒާރާ (އެޑިއުކޭޝަން މިނިސްޓްރީ) އަށެވެ. އަދި މިގޮތަށް ކިޔަވާ ކުދިންގެ ފެންވަރު މޮނިޓަރކުރާނެ ހަރުދަނާ އުސޫލުތަކެއް އެ ވުޒާރާއިން އެކުލަވައިލަން ޖެހޭނެއެވެ.


މީގެ އިތުރުން، ހޯމް-ސްކޫލިންގެ ނިޒާމުގެ ތެރެއިން ވެސް އުނގެނުމަށް އުނދަގޫވާ ފަދަ ސިއްހީ ނުވަތަ ނަފްސާނީ ބޮޑެތި މައްސަލަތަކެއް ހުންނަ ކުދިންނަށް، ރަސްމީ ތައުލީމު ދިނުން ލާޒިމުނުވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ވެސް މި ބިލުގައި ވަނީ ހުށަހަޅާފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all