ސްޕޭނުގައި ހައިސްޕީޑް ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން 64 މީހުން މަރުވެއްޖެ
ސްޕޭނުގެ މެދުތެރޭގެ ތޮލޭޑޯ ޕްރޮވިންސްގައި ދުއްވާފައިދިޔަ ހައި-ސްޕީޑް ދެ ރޭލު އެކަތި އަނެކަތީގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މަދުވެގެން 64 މީހުން މަރުވެ، 50 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
ބައިނަލްއަޤްވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ވެރިރަށް މެޑްރިޑުން ފުރައިގެން ސެވިއްޔާއަށް ދަތުރުކުރި ދެ ރޭލެއްގެ މެދުގައެވެ. ސިގްނަލްގެ މައްސަލައަކާ ހުރެ މަގުމައްޗަށް ހުއްޓިފައި އޮތް 'އައިރިއޯ' (Iryo) ކުންފުނީގެ ރޭލެއްގެ ފަހަތުގައި، ފަހަތުން ބާރު ސްޕީޑުގައި އައި 'ރެންފޭ'(Renfe) ކުންފުނީގެ ރޭލު ޖެހިގެން ހިނގި މި ހާދިސާގައި ދެ ރޭލުގެވެސް ގިނަ ބައިތަކެއް ވަނީ ރެއިލް ލައިނުން ނެއްޓިގެން ގޮސްފައެވެ.
މި ހާދިސާ ހިނގިއިރު ދެ ރޭލުގައި 500 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކުރަމުންދިޔައެވެ. ކާސްޓިޔާ-ލާ މަންޗާ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.
ސްޕޭނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފަންނީ ތަޙުޤީޤެއް ކުރިއަށްގެންދަމުންނެވެ. އަދި ސިގްނަލް މައްސަލައަކާ ގުޅިގެން ރޭލުތަކަށް ދެވުނު އިރުޝާދުތަކުގައި އިންސާނީ ނުވަތަ ޓެކްނިކަލް މައްސަލައެއް އުޅޭތޯވެސް ދަނީ ބަލަމުންނެވެ.
