ސިއްރުން ކާތަކެތި ހަދައިގެން ވިއްކި 4 ތަނެއް ހުޅުމާލެއިން ބަންދުކޮށް، އެމްއެފްޑީއޭ އިން ފިޔަވަޅު އަޅައިފި!
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްޞަ އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލޭގައި ޤާނޫނީ ހުއްދައެއް ނެތި ސިއްރިއްޔާތުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދިޔަ 4 ތަނެއް މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަގުތުން ބަންދުކޮށްފިއެވެ!
އެމްއެފްޑީއޭ އިން މައުލޫމާތު ދޭ ގޮތުގައި، މި ތަންތަން ބަންދުކޮށްފައިވަނީ އާންމުކޮށް ކާބޯތަކެތި އުފައްދައި ވިއްކާ ތަންތަން ބަލައި ފާސްކުރުމަށް ހިންގި ސަރވޭ އިންސްޕެކްޝަންތަކުގެ ތެރެއިންނެވެ. މި ތަންތަނަކީ ޤާނޫނީ ގޮތުން ނަގަންޖެހޭ ރަޖިސްޓްރީއާއި، ސިއްޙީ މިންގަނޑުތަކުގެ ހުއްދަ ނުނަގައި ހިންގަމުންދިޔަ ތަންތަނެވެ.
އެމްއެފްޑީއޭ އިން ވަނީ ނޮވެމްބަރު 5 އިން 20 އަށް ރަޖިސްޓްރީކޮށްގެން ކާބޯތަކެތި އުފައްދާ ފެކްޓަރީތަކާއި ގޭގޭގައި ވިޔަފާރި އުޞޫލުން ކާތަކެތި ތައްޔާރުކުރާ ތަންތަން ބެލުމަށް ފުޅާ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ހުއްދަނެތި ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތަކާމެދު ބޮޑެތި ޖޫރިމަނާތަކާއި، ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ބާރު އިދާރާތަކަށް ލިބިގެންވެއެވެ. ގޭގޭގައާއި އެކި ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑުން ބޭރުން ކާބޯތަކެތި ހަދައިގެން ފިހާރަތަކަށް ވިއްކަން ބަހައްޓާ މައްސަލައިގައި އާންމުންގެ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.