News Featured

ސިނަމާލެ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖައްސައި ފުލުހަކު ސީރިއަސްކޮށް ޒަޚަމްކޮށްލައިފި؛ ސީޕީ ވިދާޅުވީ މިއީ ގަސްދުގައި ދިން ހަމަލާއެއް ކަމަށް

Advertisement
ސިނަމާލެ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖައްސައި ފުލުހަކު ސީރިއަސްކޮށް ޒަޚަމްކޮށްލައިފި؛ ސީޕީ ވިދާޅުވީ މިއީ ގަސްދުގައި ދިން ހަމަލާއެއް ކަމަށް
Maldives Police Service
ތަފްޞީލް

މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ސިނަމާލެ ބްރިޖު ހައިވޭގެ ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފިއެވެ. މިއަދު ފަތިހު 4:30 ކަންހާއިރު ހިނގި މި ހާދިސާގައި އަނިޔާވި ފުލުސް އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.


މި ހާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސައިކަލު ދުއްވާފައިވަނީ ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު މިންގަނޑެއް ގައި ކަމަށާއި، މަގުމަތީގައި ޖަހާފައިވާ ބެރިކޭޑްތަކުގައި ޖެހުމަށްފަހު ގޮސް ފުލުސް އޮފިސަރުގެ ގައިގައި ޖެހިފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް، ދަތް ބިނދުމުގެ އިތުރުން ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.


ސީޕީ ފާހަގަކުރެއްވި ގޮތުގައި، މިއީ މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުން ފަށާފައިވާ ޚާއްޞަ އޮޕަރޭޝަން ހުއްޓުވައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމުގެ މަޤްޞަދުގައި ގަސްދުގައި ހިނގާފައިވާ ނުރައްކާތެރި އަމަލެކެވެ. މި ހާދިސާ ހިނގިއިރު އިތުރު 3 ސައިކަލެއް ބައިވެރިވިކަން ފާހަގަކުރެވިފައިވާއިރު، އަމަލީގޮތުން ބައިވެރިވި ސައިކަލު ޓޯކޮށް، އެކަމުގައި ޝާމިލުވާ 4 މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.


ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ކުރިމަތިކުރުވާ މިފަދަ ބިރުދެއްކުންތަކަށް ފަސްނުޖެހި، މަގުމަތީގެ އަމަންއަމާންކަން ކަށަވަރުކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ދެވޭ ޤާނޫނީ އަދަބުތައް އިތުރަށް ހަރުކަށިކުރާނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ.


Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް