ސަރުކާރުން ދިވެހިދައުލަތަށް ވަމުންދާ ފިކުރީ ޚިޔާނާތް - ނިމިދިޔަ ސަރުކާރުތަކުގެ މައުލޫމާތާއި ރެކޯޑުތައް ފޮހެލުން
ދައުލަތެއްގެ ދެމިއޮތުމާއި، އެ ގައުމެއްގެ ކުރިއެރުން ގުޅިފައިވަނީ ހަމައެކަނި މާއްދީ ތަރައްގީއަކާ ނޫނެވެ. އޭގެ އިތުރުން ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ތާރީޚީ ހެކިތަކާއި، ފިކުރީ މުދަލަކީ ގައުމެއްގެ ސިޔާދަތާއި އަގުވަޒަންކުރުމުގެ މައިބަދައެވެ. ނަމަވެސް، ހިތާމައަކީ ސިޔާސީ ވާދަވެރިކަމާއި، ބަދަލުހިފުމާއި ރުޅިވެރިކަމުގެ ނުބައި ވިސްނުމުގައި، ވެރިކަމަށް އަންނަ ބައެއް ފަރާތްތަކުން ނިމިދިޔަ ސަރުކާރުތަކުގެ މައުލޫމާތާއި ރެކޯޑުތައް ފޮހެލައި، ފޮރުވަމުންދާ ދިއުމެވެ. މިއީ ހަގީގަތުގައި ދިވެހި ދައުލަތަށާއި މުޅި ގައުމަށް ވެވޭ ބޮޑުވެގެންވާ ފިކުރީ ޚިޔާނާތެކެވެ.
ރެކޯޑްތައް ފުހެލުން
އެއް ސަރުކާރު ބަދަލުވެ އަނެއް ސަރުކާރު އައުމަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް، ކުރީ ސަރުކާރަކުން ކޮށްފައިވާ ކަމެއް، އެއީ ރަނގަޅު ކަމެއް ވިޔަސް ނުވަތަ ގޯސް ކަމެއް ވިޔަސް، އެކަމެއްގެ ހަގީގަތް އޮޅުވާލައި، އާންމުންނަށް ނުފެންނާނެހެން ފޮރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއަދު ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި، އަދި މިނިވަން މުއައްސަސާތަކުގެ ވެބްސައިޓްތަކާއި ޕޯޓަލްތަކުން ފެންނަމުންދަނީ ނިމިދިޔަ ވެރިކަންތަކުގެ ފޮޓޯ، ވީޑިއޯ، އިއުލާން، ދެންނެވުން، ސާކިއުލާ، ނޫސްބަޔާން، އަދި ރަސްމީ ނިންމުންތަކާއި ރިޕޯޓްތައް ފޮހެލައި ނައްތާލާ މަންޒަރެވެ. އަދި އެކިއެކި ރަސްމީ ބައްދަލުވުންތަކާއި އިވެންޓްތަކުގެ ރެކޯޑުތައް އާންމުންނަށް ލިބެން ނުހުންނަ ގޮތަށް ބަންދުކުރަމުންދެއެވެ.
ދައުލަތުގެ އިދާާރާތައް

މިސާލަކަށް ދިވެހިރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓަށް ވަދެ ބަލާލުމުން 2024 ވަނަ އަހަރުގެ ކުރީގެ އެއްވެސް ރިކޯޑެއް ގެލަރީއެއް ޚަބަރެއް ނޫސްބަޔާނެއް ފަދަ އެއްޗެއް ފެންނާކަށް ނެތެވެ. ރިޕޯޓެއް ހެދުމަށްޓަކައި އަޅުގަނޑު އެ މިނިސްޓްރީގެ ވެބްސައިޓަށް ވަދެ ސަހަރޯއޭ ހިތައްއެރިއެވެ. މިއީ އުޅެވެނީ ޤައުމެއްގައިތޯ ނުވަތަ އަމިއްލަ ވަކި ބައެއްގެ މުދާގަނޑެއްގެ ތެރޭގައިތޯ ސުވާލު އުފެދުނެވެ. އާޝޯޙްވެ ކޮސްވިއެވެ. ޤައުމިއްޔަތާއި ޤައުމީ ލޯތްބަކީ މިއީތޯ ސުވާލު އުފެދުނެވެ. މިގޮތުން ވަރަށް ގިނަ ވެބްސައިޓްތަށް ޙާވާލިއިރު މިއީ މިސަރުކާރުން ހިންގާ ފިކުރީ ޖަރީމާއެއްކަށް ފެނުނެވެ.
މަޢުލޫމާތު ޞައްޙަކަން ބެލޭނެ މަގު ބަންދުވުން
މިފަދަ ޖަރީމާތަކުގެ ސަބަބުން ނުކުންނަ ނަތީޖާ އިންތިހާއަށް ހިތިވެގެންދެއެވެ. އެންމެ ފުރަތަމަ ކަމަކަށް، ރައްޔިތުންނަށް މައުލޫމާތު ލިބިގަތުމުގެ އަސާސީ ހައްގު ގެއްލި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އޮތް މަގު ބަންދުވެއެވެ. މީގެ އިތުރުން، ދިވެހި ތާރީޚާއި އާކައިވް އޮޅި، އަންނަން އޮތް ޖީލުތަކަށް ގައުމުގެ އަސްލު ތާރީޚު އޮޅުންބޮޅުންވެ، ދައުލަތް ހިންގުމުގެ ސިލްސިލާ މެދުކެނޑިގެންދެއެވެ. ދައުލަތުގެ ފިކުރީ މުދަލަކީ ވަކި ޕާޓީއެއްގެ ނުވަތަ ވަކި ވެރިއެއްގެ ޒާތީ މިލްކިއްޔާތެއް ނޫނެވެ. އެއީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގެކެވެ. އެހެންކަމުން، މިފަދަ ފިކުރީ މުދާ ނައްތާލުމަކީ މާލީ ޚިޔާނާތެކޭ އެއްފަދައިން ގާނޫނީ ގޮތުން އަދަބު ލިބެންޖެހޭ ވަރުގެ ބޮޑު ކުށެކެވެ.
ހުއްޓުވާ ފިޔަވަޅު އަޅަންޖެހޭ
މި ނުރައްކާތެރި އަމަލު ހުއްޓުވުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކުގައި ހަރުދަނާ އިންތިޒާމުތަކެއް ގާއިމުކުރަން ޖެހެއެވެ. ސިވިލް ސަރވިސްއާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި މިނިވަން މުއައްސަސާތަކުގެ އެޑްމިނިސްޓްރޭޝަނުން މިފަދަ ފިކުރީ ޚިޔާނާތްތައް ހިންގުން ވަގުތުން ހުއްޓުވަން ޖެހެއެވެ. ސިޔާސީ ވެރިންގެ ނުފޫޒުގައި ޖެހި، ތާރީޚީ އަދި ރަސްމީ ލިޔެކިޔުންތައް ފޮހެލުމަށް އަމުރުކުރާ ފަރާތްތަކާއި، އެ އަމުރަށް ތަންފީޒުކުރާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި ހައްގު އަދަބު ދޭންޖެހެއެވެ.
ސިޔާސީ ރުޅިވެރިކަމުގައި ގައުމުގެ މާޒީ ފޮހެލުމަކީ މުސްތަގުބަލު އަނދިރިކުރުމެވެ. މިހާރުން މިހާރަށް މި ނާތަހުޒީބު އަމަލުތައް ހުއްޓާލައި، ފޮހެލާފައިވާ ނުވަތަ ފޮރުވާފައިވާ ހުރިހާ ފިކުރީ މުދަލަކާއި ރެކޯޑުތައް އަލުން އިއާދަކޮށް، އާންމުންނަށް ފެންނާނެހެން ހާމަކުރަން ޖެހެއެވެ. ގައުމެއްގެ ހަގީގީ ދިރުމަކީ އޭގެ ތާރީޚާއި، ހަގީގަތްތައް އަމާނާތްތެރިކަމާއެކު ރައްކާކުރެވި، ފަހުގެ ޖީލުތަކަށް ވާސިލުކޮށްދެވޭ ދެވުމެވެ.
