ސައިބަރ ސެކުއިރިޓީ އެވެއާނަސް ޕްރްގްރާމެއް މުޅިރާއްޖޭގައި ހިންގައިފި: މޯލިޑްވްސް ޕޮލިސްސަރވިސް
ސައިބަރ ސެކިއުރިޓީ އެވެއާނަސް މަސް ފާހަގަކުރުމުގެ ގޮތުން، ހޭލުންތެރިކުރުވުމަށް ބާއްވާ މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް މުޅި ރާއްޖެ ހިމެނޭގޮތަށް ކުރިއަށް ގެންގޮސްފައިވާކަމަށް މޯލިޑްވްސް ޕޮލިސްސަރވިސް އިން ހާމަކޮށްފިއެވެ.
މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޫބަރު 18 އިން 31 ގެ ނިޔަލަށެވެ.
ހުރިހާ ރަށެއްގައި ފުލުހުން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި، ސުކޫލުތަކަށް ފުލުހުން ޒިޔާރަތްކޮށް އެސެމްބްލީތަކުގައި ބައިވެރިވެ އިންޓަނެޓްގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ސައިބަރ ކުށްތަކުން ރައްކާތެރިވެތިބުމަށް ބޭނުންވާނޭ މައުލޫމާތު ދަރިވަރުނަށް ދީފައިވެއެވެ.
އަދި ސުކޫލުތަކުގެ ބެލެނިވެރިންނާއި، ރަށްރަށުގެ މުއައްސަތަކަށް ޒިޔާރަތްކޮށް މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، ކެފޭތަކާއި، ފިހާރަތަކާއި، ގެސްޓް ހައުސްތަކާއި، ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ އިތުރުން، ރަށްރަށުގެ މަގުތަކާއި، އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށްގެން މައުލޫމާތު ދިނުމަށް ވޯކް އެންޑް ޓޯކް ހަރަކާތްތައް ވެސް ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މޯލްޑިވްސް ޕޮލިސްސަރވިސް އިން ބުނެފައިވަނީ މި ހަރަކާތްތަކުގައި، ކުޑަކުދިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތްތަކާއި، ވިޔަފާރިތަކާއި، ވަޒީފާ އަދާކުރާ މާހައުލުގައި ސައިބަރ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަމާލުކަމެއް ދޭންޖެހޭ ކަންތައްތައް ކިޔައިދީފައިވެއެވެ.
އަދި ބޭނުންކުރާ އަމިއްލަ އެކައުންޓްތަކުގެ ޕާސްވޯޑް ވަރުގަދަކޮށް ބެލެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މައުލޫމާތު ދީފައިވާނެ ކަމަށެވެ.
މީގެ އިތުރުން މައުލޫމާތުތައް ލީކުވާން މެދުވެރިވާ ސަބަބުތަކާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ކިޔައިދިނުމާއި އަދި ސައިބަރ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.
ޓެކްނޮލޮޖީގެ ޒަރީއާއިން ހިންގާ ކުށްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދިއުމާއެކު މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ފުލުހުން ކުރިއަށްގެންދިޔަ މި ހަރަކާތަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިފައި ވާކަމަށްވެސް ޕޮލިސްސަރވިސް އިން ހާމަކޮށްފައި ވެއެވެ.
