ރަސްމާލެ މަޝްރޫޢުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެ: ރައީސް ޑރ. މުޢިއްޒު
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ "ރަސްމާލެ" މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި، ރައީސް މުޢިއްޒު މިހެން ވިދާޅުވީ އާންމުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މާލެ ސަރަޙައްދުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ.
ރަސްމާލެ މަޝްރޫޢަކީ ބިން ހިއްކައިގެން އެންމެޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ "އީކޯ-ސިޓީ" އެއް ކަމަށާއި، އެ ތަނުން ދޫކުރާ ގޯތިތަކާއި ހައުސިންގ ޔުނިޓްތައް ދޫކުރާނީ އިންސާފުވެރިކަމާއެކު، އުޞޫލުގެ ތެރެއިން ޝަރުތު ހަމަވާ އެންމެން ހިމެނޭ ގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓްތަކުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށާއި، ރަސްމާލެ މަޝްރޫޢު ނިމުމުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

