ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ފެންނަނުފެންނަ ވޯޓަކަށް ގޮވާލައި ބޮޑު އެއްވުމެއް ބާއްވަނީ؛ އެމްޑީޕީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދިއްޖެ

ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ބިން ވިއްކުމާއި ދިގު މުއްދަތަށް ބިން ދޫކުރުމުގެ އެއްބަސްވުންތަކާ މެދު އާންމުންގެ ކަންބޮޑުވުންތައް އިތުރުވެ، އެކަމާ ދެކޮޅަށް ހަރަކާތްތެރިވާ "ދިވެހިންގެ ބިން ދިވެހިންނަށް" އިއްތިހާދުން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ގޮވާލައި އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
މީގެ އިތުރުން، އަދަދު ނޫހުން އެކްސް (X) ގައި އާންމުކުރި ވީޑިއޯ ރީލްއެއްގައި، ރަސްމާލެ އެއްބަސްވުމުގައިވާ ތަފްޞީލުތަކަކީ އާންމު ރައްޔިތުންނަށް އެނގެންޖެހޭ އެއްޗެއް ނޫން ކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލް ވިދާޅުވުމާ ގުޅިގެން އާންމުންގެ ބޮޑު ނުރުހުމެއް ވަނީ އަމާޒުވެފައެވެ. ސޯޝަލް މީޑިއާއާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ މިއީ ދެފުށް ފެންނަ ވެރިކަމެއް ކުރުމުގެ އުޞޫލުތަކާ ޚިލާފު، ރައްޔިތުންގެ ޙައްޤުތަކަށް އިންކާރުކުރުން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ރަސްމާލެ މަޝްރޫޢުގެ ބިން ދޫކުރުމުގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި މެންބަރު ފަޒީލް ކުރެއްވި މި ވާހަކަތަކާއެކު، އެއްބަސްވުމުގެ ތަފްޞީލުތައް ހާމަކުރުމަށް އެދި ސަރުކާރަށް ކުރިމަތިވެފައިވާ ސިޔާސީ ޕްރެޝަރާއި އާންމުންގެ ނުރުހުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.
ރަސްމާލެ ޑީލުގައި ހުރި އެއްޗެއް ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވިދާޅުވި https://t.co/tbPUwdQY1j
— Adhadhu (@AdhadhuMV) October 27, 2026
އީގަލް ހިލްސް ކުންފުންޏާއެކު ވެވޭ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިޤްތިޞާދީ އަދި ޤައުމީ މިނިވަންކަމަށް އަސަރުކޮށްފާނެ ކަމަށް ބުނެ، މި އިއްތިހާދުން ވަނީ އެއްބަސްވުމުގައި ސޮއިކުރުން ފަސްކޮށް، ޤާނޫނީ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލާފައެވެ. މި ހަރަކާތުގައި ސިޔާސީ އެކި ފަރާތްތަކާއި، ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އާއި މާލެ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

މީގެ އިތުރުން، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 63 މެންބަރަކު ސޮއިކުރައްވައި، ރަސްމާލެ މަޝްރޫޢާ މެދު ޕާޓީން ނިންމާނެ ރަސްމީ ނިންމުމެއް ކަނޑައެޅުމަށްޓަކައި ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ އެދިފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވެސް ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅައި، ރަސްމާލެ އެއްބަސްވުމުގެ ތަފްޞީލުތައް ހާމަކުރުމަށާއި، ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލާފައެވެ.
Happening-Now Eagle Hills ah Rasmale vikkaaluma dhekolhah "Dhivehinge bin Dhivehinnah rayyithun magu machah nikumejje! #SaveMaldives #MaldivesSovereignty #UAEEagleHillsOut 👇 https://t.co/Rx7YJPk2PL
— Addu -X- Files (@adduXfiles) October 27, 2026
ސަރުކާރުގެ ފަރާތުން ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވަނީ، ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުވާ ގޮތަށް ބިން ނުވިއްކާނެ ކަމަށާއި، އިސްރާއީލުގެ އެއްވެސް ކުންފުންޏަކަށް ނުވަތަ ރައްޔިތަކަށް މީގެ މަންފާ ލިބޭނެ ގޮތަށް ފުރުޞަތު ނުދެވޭނެ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ އެއްބަސްވުމުގެ ފުރިހަމަ ތަފްޞީލު ސަރުކާރުން ހާމަނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
