ރަށްފުށު ރައްޔިތުންގެ އިހްސާސާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޑރ. ޝަމްހީދު ވާދަ ކުރަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓް ގްރޫޕްގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ރަސްމީކޮށް ހާމަ ކުރައްވައިފިއެވެ. ޑރ. ޝަމްހީދު މިކަން ހާމަކުރެއްވީ އަވަސް އޮންލައިނާއެކު ކުރިއަށްގެންދާ "ޝަމްހީދާއި އެކު" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގަ އެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެމްޑީޕީގެ ކުރިއަށް މި އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަން،" ޝަމްހީދު ވިދާޅުވި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލަނީ ރަށްފުށުގެ ރައްޔިތުންގެ އިހްސާސާތަކާއި އެކުގައި ކަމަށާއި ރާއްޖޭގެ އެންމެ ނިކަމެތި މީހާގެ ހާލަތު ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާ ކަމަށާއި، އާންމު ރައްޔިތުންގެ ހާލު ހަގީގީ މާނައިގައި އިހުސާސް ކުރެއްވޭ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު ތަފާތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ އަޅުގަނޑަކީ ޕޮލިޓިކަލް އައުޓްސައިޑާއެއް. އަޅުގަނޑަކީ ޕޮލިޓިކަލް އެލީޓެއް ނޫން. އަޅުގަނޑަކީ އާދައިގެ ރަށަކުން އައިސް މިއަދު މި ހިސާބަށް އައި މީހެއް. އަޅުގަނޑު ނޫޅޭ ހާލެއްގައި ވަކި ދިވެހި ރައްޔިތަކުން އުޅެފައި ނުހުންނާނެ. ކަރަންޓު ނެތި، ފެން ނެތި، ސިއްހީ މަރުކަޒެއް ނެތި، އެ ހުރިހާ ހާލެއްގައިވެސް އުޅެފައި އަޅުގަނޑު މި ހިސާބަށް އައީ. އަޅުގަނޑު ގަބޫލެއް ނުކުރަން ދެން މިއުޅޭ ފަރާތްތަކަކީ އާންމު ރައްޔިތުންގެ ހާލު ހަގީގީ މާނައިގައި އެ ބޭފުޅުންނަށް އިހުސާސްވި ބައެއްހެން އަދި އެ އިހުސާސް ކުރި ބައެއްހެންވެސް،" ޝަމްހީދު ވިދާޅުވި އެވެ.
ރާއްޖޭގެ ޑިމޮކްރަސީއަށް 18 އަހަރުވެފައިވާކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ 2008 ވަނަ އަހަރާއި އަޅާބަލާއިރު މިއަދު އާމްދަނީ އިތުރުވެ، ދަރަންޏާއި ހަރަދު އިތުރުވިއިރު ގިނަ ރަށްރަށުގައި އަދިވެސް އަސާސީ ހިދުމަތްތައް ގާއިމު ނުކުރެވޭ ކަމަށެވެ.
"2008 އައިއިރު ރާއްޖޭގައި އޮތީ އެންމެ ނުވަ ބިލިއަން ރުފިޔާގެ ދަރަނި. މިއަދު 160 ބިލިއަނަށް ދަރަނި އަރައިފި. އެފަހުން 500 ބިލިއަން ރުފިޔާ ހޭދަކޮށްފި. އޭރު މަހެއްގެ މައްޗަށް އާމްދަނީ ގައުމަށް މި ލިބެނީ 200 ވަރަކަށް މިލިއަން ރުފިޔާ. މިއަދު އެބަ ލިބޭ 4،000 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި. މި ހުރިހާ އާމްދަނީއެއް ލިބި. މި ހުރިހާ ދަރަންޏެއް ނަގައި، 500 ބިލިއަން ރުފިޔާ ހޭދަކޮށް ނިމުނުއިރު އަދިވެސް ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ އަޅާ ނުނިމޭ،" ޝަމްހީދު ވިދާޅުވި އެވެ. މިހުރިހާ ފައިސާ ހޭދަވިއިރު ރައްޔިތުންގެ އަސާސީ ބޭސްފަރުވާ ފަދަ އަސާސީ ހިދުމަތްތައް ހާސިލް ނުވެ އަލުން ރައްޔިތުން ފަގީރު ކަމާ ދިމާލަށް ދާންޖެހިއްޖެ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ ރާއްޖެއަކީ ތަފާތު ގައުމެއް ކަމަށާއި ރާއްޖޭގައި ވެރިކަން ކުރެވޭނީ ރާއްޖޭގެ ކަންކަމާއި އިގުތިސޯދު ހިނގާ ގޮތް އެނގިގެން ކަމަށާއި އެ ތަޖުރިބާ ނެތި ވެރިކަމާ ހަވާލުވެ ނިންމުންތައް ނިންމާނަމަ ކޮންމެފަދަ ގެއްލުމެއްވެސް ލިބިދާނެ ކަމަށެވެ. އަދި ގައުމު މިއަދު ބަނގުރޫޓު ވެފައިވަނީ ރާއްޖެ އިގުތިސޯދު ހިނގާ ގޮތާއި ދައުލަތުގެ ފައިނޭންސް ނޭނގި ވައުދުތައްވެ ވެރިކަމަށް އައިސް އިސްރާފު ޕްރޮޖެކްޓްތަކެއް ހިންގުމުން ކަމަށެވެ.
ޝަމްހީދު ވިދާޅުވީ އާ ބަޔަކު ނިކުމެ އެހެން ގޮތެއް އޮތްކަން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ.
އެޓޯލްޕްރެސް ޔޫޓިއުބް ވީޑިއޯ ލިންކް ޑރ. ޝަމްހީދު
