ރައިޒް ޕްރޮޖެކްޓްގެ ދަށުން 13 ރަށެއްގައި 15 މެގަވޮޓްގެ ސޯލާ ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި!
ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ހިންގާ "އަރައިޒް" (ARISE) ޕްރޮޖެކްޓުގެ ދަށުން، 13 ރަށެއްގައި 15 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމާއި 15 މެގަވޮޓް އަވަރގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއި، ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯއިން ވަނީ ޗައިނާގެ "ސައިނޯސަރ ޓެކްނޮލޮޖީ" ކުންފުންޏާއެކު ސޮއިކޮށްފައެވެ. މި މަޝްރޫއަކީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން:
ލާމު އަތޮޅުގެ ރަށްތައް: ލ. ގަން، ފޮނަދޫ، އިސްދޫ، ކާޅައިދޫ، މާމެންދޫ، މާވަށް، ހިތަދޫ އަދި ކުނަހަންދޫ ހިމެނެއެވެ.
އެހެން ސަރަހައްދުތައް: ށ. ފުނަދޫ، ޅ. ނައިފަރު، އއ. މަހިބަދޫ، އަދި ގއ. ވިލިނގިލީގައި ސޯލާ ނިޒާމު ގާއިމުކުރެވޭނެއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް އެއްފަހަރާ ގާއިމުކުރެވޭ އެންމެ ބޮޑު ސޯލާ މަޝްރޫއެވެ. މި ނިޒާމު ގާއިމުކުރުމުން އަހަރަކު 15 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވި، ދައުލަތުގެ ބަޖެޓުން 180 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއެވެ.
މި މަޝްރޫއުގެ މުހިންމު ބޭނުމަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމެވެ.

