ރައީސް މުއިއްޒު ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ފައްޓަވައިފި: 10 އަހަރަށްފަހު ވެރިއަކު ކުރައްވާ ފުރަތަމަ ދަތުރު!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދެކަނބަލުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް، އެ ގައުމަށް ރަސްމީ ފުރަމާނަ ދަތުރުފުޅެއް ފައްޓަވައިފިއެވެ. މިއީ މީގެ 10 އަހަރު ކުރިން، 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު، ރާއްޖޭގެ ވެރިއަކު އެ ގައުމަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މިދިޔަ ޖުލައި މަހާ ހަމައަށް ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރިފައިވާއިރު، މި ތާރީޚީ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ސިއްހަތާއި، ތައުލީމާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ 12 އެއްބަސްވުމެއްގައި (އެމްއޯޔޫ) ސޮއިކުރާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ތިން ދުވަހުގެ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަން ފައްޓަވާފައެވެ. އަދި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ބާއްވާ ބިޒްނަސް ފޯރަމެއްގައި އެ މަނިކުފާނާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގެން، ރާއްޖޭގެ އިގުތިސާދީ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާނެއެވެ. މީގެ އިތުރުން، އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުން ވެސް މި ދަތުރުފުޅުގެ ތެރޭގައި ހިމެނެއެވެ.