ރާއްޖެއިން ބަންގްލަދޭޝްއަށް ދިޔަ ދެ މީހެއްގެ ހަށިގަނޑުގައި ފޮރުވައިގެން ގެންދިޔަ ގިނަ އަދަދެއްގެ ރަން އަތުލައިގަނެފި!
ދިވެހިރާއްޖެއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދިޔަ ދެ މީހެއްގެ ހަށިގަނޑު ތެރޭގައި ފޮރުވައިގެން ޤަވާއިދާ ޚިލާފަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ރަން ބަންގްލަދޭޝްގެ ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓްރޭޓް (ސީއައިއައިޑީ) އިން މި މަހުގެ 18 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގަތް މި ރަނުގެ ބަރުދަނުގައި ސައްވީސް ކިލޯގެ 2.73 ކިލޯގްރާމް ހުއްޓެވެ. މިއީ މަގުމަތީ އަގަށް ބަލާއިރު ގާތްގަނޑަކަށް 4 ކްރޯޑް ޓާކާ (ދިވެހި ފައިސާއިން ނަމަ 5 މިލިއަނެއްހާ ރުފިޔާ) ގެ ރަނެވެ.
ބަންގްލަދޭޝްގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑާކާގެ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައި ބަލައިފާސްކުރި މީހުންނަކީ ޔޫއެސް-ބަންގްލާ އެއާލައިންސްގެ ފްލައިޓަކުން ރާއްޖެއިން ދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތުންނެވެ. އެއީ މުހައްމަދު ސުލައިމާން އާއި ޖޮބައިދު އަހުމަދު ކިޔާ ދެ މީހުންނެވެ.
ކަސްޓަމްސް އޮފިޝަލުން ހާމަކުރި ގޮތުގައި، އެ ދެ މީހުން ރަން އެތެރެކުރަން އުޅުނީ ރަނުގެ ޕޭސްޓް ބޭނުންކޮށްގެން ބިހުގެ ބައްޓަމަށް ތައްޔާރުކޮށް، އެ މީހުންގެ ފުރަގަސްފަރާތުގައި (ރެކްޓަމް) ފޮރުވައިގެންނެވެ. އަދި ބަލައިފާސްކުރުމުގެ ތެރޭގައި މިއިން ކޮންމެ މީހެއްގެ ހަށިގަނޑުގެ ތެރެއިން އެފަދަ ތިން ގަނޑު ރަން ނަގާފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.
ބަންގްލަދޭޝްގެ ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ރަން ސްމަގުލް ކުރުން ހުއްޓުވުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅައި، ރިސްކު ބޮޑު ކަމަށް ބެލެވޭ ފަސިންޖަރުން ވަރަށް ކައިރިން މޮނިޓާކޮށް ސްކްރީން ކުރުމުގެ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށެވެ.
ރާއްޖެއިން ދިޔަ ދެ މީހުންގެ އަތުން ރަން އަތުލައިގަތް ދުވަހު، އަބޫދާބީއިން ޝާހް އަަމާނަތު އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ބަންގްލަދޭޝްގެ މީހެއްގެ އަތުންވެސް ވަނީ ގިނަ އަދަދެއްގެ ރަން އަތުލައިގަނެފައެވެ. އެ މީހާ ރަން ފޮރުވާފައި ހުރީ ކައްކަން ބޭނުންކުރާ ތަވައަކާއި ތަރުކާރީ ގާނާ އެތީގެ އެތެރޭގައެވެ.
