ޕެނަލްޓީ ޕްރެކްޓިސް ނުކުރިޔަސް މައްސަލައެއް ނެތް: ޕެޕް ގާޑިއޯލާގެ 'ސިއްރު' ފަޅާއަރައިފި!
ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކްލަބް ކަމަށްވާ މެންޗެސްޓަރ ސިޓީގެ މެެނޭޖަރު ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި، އެ ޓީމުން މެޗުތަކަށް ތައްޔާރުވާއިރު ޕެނަލްޓީ ޖަހަން ޚާއްޞަކޮށް ޕްރެކްޓިސް ނުކުރެއެވެ. އަދި އެކަމާ މެދު އޭނާ އެއްވެސް ވަރަކަށް ކަންބޮޑުވެސް ނުވެއެވެ.
ފުޓްބޯޅަ މެޗުތަކުގައި ޕެނަލްޓީއަކީ މެޗެއްގެ ނަތީޖާ ބަދަލުކޮށްލާފަދަ ނުހަނު މުހިންމު ފުރުޞަތަކަށްވާއިރު، ގިނަ ޓީމުތަކުން ޕެނަލްޓީ ޖެހުމަށް ޚާއްޞަ ފަރިތަކުރުންތަކެއް ބާއްވައެވެ. ނަމަވެސް، ގާޑިއޯލާ ބުނާ ގޮތުގައި ޕެނަލްޓީއަކީ މުޅިން ކުޅުންތެރިޔާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، އެ ވަގުތު އޮންނަ މެންޓަލް ޕްރެޝަރާ ކުރިމަތިލުމުގެ ހުނަރާ ގުޅިފައިވާ ކަމެކެވެ.
ޕެނަލްޓީ ޕްރެކްޓިސް ނުކުރި ނަމަވެސް، ސިޓީގެ ކުޅުންތެރިންނަކީ ޕްރެޝަރުގައިވެސް މޮޅަށް ކުޅުމުގެ ޤާބިލުކަން ހުރި ކުޅުންތެރިންކަމަށް އޭނާ ދެކެއެވެ. ސިޓީއަށް ބައެއް މުހިންމު މެޗުތަކުގައި ޕެނަލްޓީ ގެއްލިފައި ހުރި ނަމަވެސް، ޕެޕްގެ މި ފަލްސަފާއަކީ އޭނާ އަބަދުވެސް ގެންގުޅޭ ގޮތެކެވެ. ޕެނަލްޓީއެއް ލިބުނު ވަގުތު ޕްރެޝަރު ނަގައިގެން ބޯޅަ ގޯލަށް ފޮނުވާލުމަކީ ކުޅުންތެރިޔާގެ އަމިއްލަ ޒިންމާއެއް ކަމަށް އޭނާ ދެކެއެވެ.
