ޕާކިސްތާނުގެ ސްކޫލެއްގެ ފުރާޅު ވެއްޓި 21 ދަރިވަރުންނާއި ޓީޗަރަކު ޝަހީދުވެއްޖެ!
ޕާކިސްތާނުގެ އުތުރު-ހުޅަނގުގައި އޮންނަ ޕެޝާވަރު ސިޓީގެ އަމިއްލަ ސްކޫލެއްގެ ފުރާޅު ކުއްލިއަކަށް ވެއްޓި، 21 ދަރިވަރުންނާއި ޓީޗަރެއްގެ ފުރާނަ ގެއްލިއްޖެއެވެ.
އެ ޤައުމުގެ ކަމާބެހޭ އޮފިޝަލުންނާއި ހޮސްޕިޓަލްގެ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ސްކޫލްގައި ކުދިން ކިޔަވަން ތިބި ވަގުތެއްގައެވެ. މި ޙާދިސާގައި 30 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ބައެއް ކުދިންގެ ޙާލު ވަނީ ވަރަށް ސީރިއަސްވެފާއިކަމަށް ޚަބަރު ލިބެއެވެ.
ޚަބަރު ލިބުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ފުން ހިތާމަ ފާޅުކުރައްވައި، މަރުވި ކުދިންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މިފަދަ ޢިމާރާތްތައް ބިނާކުރުމުގައި ޤަވާއިދުތަކަށް ފުރިހަމައަށް ނުފެތުމާއި، ފެންވަރު ދަށް ސާމާނު ބޭނުންކުރުމުގެ ސަބަބުން މިފަދަ ނުރައްކާތެރި ހާދިސާތައް އެ ޤައުމުގައި ތަކުރާރުވަމުންދާކަން މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ.
ހާދިސާ ހިނގި ސަރަޙައްދުގައި ރެސްކިއު ޓީމުތަކުން ދަނީ ހަލުވިކަމާއެކު މަސައްކަތްކޮށް، އިތުރު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
