އޯޓީޕީ ބޭނުންކޮށްގެން ބޮޑު އަދަދަކުން ފައިސާ ފޭރުނު މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި!
އޯޓީޕީ (OTP) ކޯޑު ހޯދައިގެން މީހެއްގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި އެމެރިކާ ޑޮލަރު މަކަރާއި ހީލަތުން ފޭރުނު މައްސަލައެއްގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިންގާފައިވަނީ 24 އޮކްޓޫބަރު 2026 ގައެވެ. ނުދަންނަ ފަރާތަކުން ގުޅައިގެން އޯޓީޕީ ކޯޑު ހޯދުމަށްފަހު، އެކައުންޓަށް އެކްސެސްވެގެން 63,000 ދިވެހި ރުފިޔާއާއި 21,000 އެމެރިކާ ޑޮލަރު (ޖުމްލަ 350,000 އަށްވުރެ ގިނަ ރުފިޔާ) ވަނީ ވަގަށް ނަގާފައެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ:
އިބްރާހީމް ޝާރިފް (34 އަހަރު) – ގޯލްޑަންގޭޓް / ޏ. ފުވައްމުލައް (ދޫޑިގަން)
ޖިނާޙު އަޙްމަދު (29 އަހަރު) – މަތަރެސްމާގެ / ފ. ފީއަލި
އިބްރާހީމް މުޢާޒު (38 އަހަރު) – ނަޒުމު / ފ. ނިލަންދޫ
ޢަލީ ދާއިން (21 އަހަރު) – ލިލީނައިޓް / ލ. ގަން (މަތިމަރަދޫ)
މި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ތިން މީހަކު އޮކްޓޫބަރު 28 ވަނަ ދުވަހު (ބުރާސްފަތި ދުވަހު) ހައްޔަރުކުރިއިރު، ހަތަރުވަނަ މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 29 ވަނަ ދުވަހުއެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޖިނާޙު އަޙްމަދުގެ ބަންދަށް 10 ދުވަސް އަދި ބާކީ ތިން މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުންގެ ސައިބާ ކްރައިމް ދާއިރާއިން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، އޮންލައިންކޮށް މުއާމަލާތްކުރުމުގައި އޯޓީޕީއާއި ބޭންކިން ސިއްރު މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

