ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ 3 ވަނަ ބުރު ނިމިއްޖެ
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ 3 ވަނަ ބުރުގެ ނިންމުން ފާހަގަ ކުރުން އޮތީ ފާދިއްޕޮޅު މާފިލާފުށީގައި ޤާއިމްކޮށްފައިވާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޮންޕޮސިޓް ޓްރޭނިންގ ސެންޓަރުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ދިފާޢީ އަދި ވަތަނީ ހިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ހަސަން ރަޝީދެވެ.
މާފިލާފުށީ ޓްރެއިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ޢަޒުމް ލައިދެއްވީ ނޭޝަނަލް ސަރވިސް ޓްރެއިނިންގ ސެންޓަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ. އަދި ރަސްމިއްޔާތުގެ ކޮމްޕެނީ ކޮމާންޑަރ ގޮތުގައި ހުންނެވީ ބްރާވޯ ކޮމްޕެނީ ކޮމާންޑަރ، ކެޕްޓަން އިބްރާހީމް ނަޒީޙެވެ. 14 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގައި 115 ރަށަކުން 352 ފަރާތަކުން ބައިވެރިވެ 62 އަންހެން ބައިވެރިންނާއި 279 ފިރިހެން ބައިވެރިން ވަނީ ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓް 3 ޙާޞިލް ކޮށްފައެވެ.
މި ޕްރޮގްރާމްގައި، ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި، ލޭންގުއޭޖް ޕްރޮފިޝަންސީއާއި، ލީޑަރޝިޕާއި، އިސްލާމިކް ސްޓަޑީސްއާއި، ފިޒިކަލް ޓްރޭނިންގއާއި، ވޯޓަރމަންޝިޕާއި، ޑްރިލްއާއި، ފަސްޓް އެއިޑާއި، ފަޔަރ ފައިޓިންގއާއި، ސެލްފް ޑިފެންސް އަދި ކޭމްޕް އެކްޓިވިޓީސް އުނގަންނައިދީ ހުނަރުތައް ދަސްކޮށްދީފައި ވެއެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ 3 ވަނަ ބުރު ނިމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، އޮނަރަބަލް ގީލާ އަލީއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަހުމަދު ޝަރީފް އަދި ދަރިވަރުންގެ އާއިލާތަކުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
