Social Featured

ނަތީޖާއެއްނެތް ސިޓީއަކުން ބަޔަކު މުއްސަނދިވަނީ؛ މާނައެއްނެތް ޕޮލިސީއަކުން ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތި!

Advertisement
ނަތީޖާއެއްނެތް ސިޓީއަކުން ބަޔަކު މުއްސަނދިވަނީ؛ މާނައެއްނެތް ޕޮލިސީއަކުން ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތި!
ތަފްޞީލް

މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި އުޅަނދުތައް ގިނަވުމުގެ އިތުރުން، ގަރާޖު ސިޓީގެ ބޭކާރު އުސޫލުގެ ސަބަބުން އާންމު ރައްޔިތުންގެ ޖީބުތަކަށް ވަނީ ނުކުޅަދާނަ ބުރައެއް މަތިވެފައެވެ. އެއްވެސް ސަރުކާރަކަށް މިކަން ހައްލު ނުކުރެވިގެން އުޅެނީ ކީއްވެ؟  މިއީ ބަޔަކު މުއްސަދި ކުރަން އޮންނަ ޕޮލިސީއެއް ހެއްޔެވެ؟


މައްސަލައިގެ ފެށުން: މަގުސަދެއް ނެތް ގަވާއިދެއް!

1990 ގެ އަހަރުތަކުގެ ކުރީކޮޅު ސަރުކާރުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށްޓަކައި "ގަރާޖު ސިޓީ" ނުވަތަ އެ އުޅަނދެއް ބާއްވާނެ އަމިއްލަ ގޭގެ ހުއްދަ ހުށަހަޅަންޖެހޭ ގޮތަށް ހެދި ގަވާއިދުގެ އަސާސީ މަގުސަދަކީ މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމެވެ. ނަމަވެސް، މިއަދު މި ގަވާއިދަކީ އެއްވެސް އަމަލީ ނަތީޖާއެއް ނުނެރެވޭ، ނަމެއްގައި އޮތް "ބޭކާރު" ގަވާއިދެކެވެ.

 

އަތޮޅުތަކުން މާލެއަށް ބަދަލުވި އެތައް ހާސް ރައްޔިތުންނާއި، ވިޔަފާރިތަކަށް ބޭނުންވާ ޕިކަޕާއި ކާރު ރަޖިސްޓްރީ ކުރުމަށްޓަކައި، ގަރާޖެއް ނެތް ފަރާތްތަކަށް މަޖުބޫރުވަނީ މާލޭގެ ގޭގޭގެ ވެރިންގެ އަތުން މި "ސިޓީ" ގަތުމަށެވެ. މިއަދު މާކެޓުގައި ގަރާޖު ސިޓީއެއްގެ އަގު އުޅެނީ 160,000 އާއި 210,000 އާއި ދެމެދުގެ ދިވެހި ރުފިޔާގެ އަގަކަށް ކަމަށްވެއެވެ. ނަމަވެސް، އެންމެންނަށްވެސް އެނގޭ ހަގީގަތަކީ، އެ ސިޓީ ދޫކުރާ ގަރާޖަކު އެއްވެސް އިރަކު އެ ކާރެއް ނުބާއްވާނެ ކަމެވެ! ރަޖިސްޓްރީވުމަށްފަހު އުޅަނދު އޮންނަނީ ހަމަ އާންމު މަގުމަތީގައެވެ.

 

ނިޒާމުގެ ތެރެއިން އުފެދުނު ބޮޑު "ވިޔަފާރި" އަދި އޮޅުވާލުންތައް

މި ގަވާއިދުގެ ސަބަބުން މާލޭގައި ވަނީ ގަރާޖު ސިޓީ ވިއްކުމުގެ ބޮޑު ކަޅު ބާޒާރެއް އުފެދިފައެވެ. ބައެއް ގޭގޭގެ ވެރިން، އެމީހުންގެ ގޭގައި ޖާގަ ހުރިތޯ ނުވަތަ ނެތްތޯ ބެލުމެއް ނެތި ސަތޭކައިން ސިޓީ މީގެ ކުރިން ދޫކޮށްފައިވެއެވެ.

 

ސަރުކާރުން މިކަން ފިޔަވަޅު އަޅައި އިންސްޕެކްޓް ކުރަން ފެށުމުން، މި "ވިޔަފާރި" ކުރާ ފަރާތްތަކުން ވަނީ އޭގެ ނާޖާއިޒު ފައިދާ ނަގާނެ އާ ގޮތްތައް ހޯދާފައެވެ:


  1. ގަރާޖު ފިހާރައަށް ބަދަލުކުރުން: ފުރަތަމަ ގަރާޖެއްގެ ގޮތުގައި ތަން ރަޖިސްޓްރީކޮށް ގަރާޖު ސިޓީތައް ދޫކުރެއެވެ. އިންސްޕެކްޝަން ނިމުމުން އެތަން ފިހާރައަކަށް، ކެފޭއަކަށް ނުވަތަ ގުދަނަކަށް ބަދަލުކުރެއެވެ. ދުވަސްކޮޅެއް ފަހުން ގަރާޖް ކެންސަލް ކުރެއެވެ.
  2. އަލުން ގަރާޖަކަށް ހެދުން: ކުޑަ ދުވަސްކޮޅެއްފަހުން އަލުން އެތަން ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، އާ ސިޓީތަކެއް ދޫކޮށްގެން ފައިސާ ހޯދައެވެ.
  3. ނަކަލު ސިޓީގެ އޮޅުވާލުން: ބައެއް ފަރާތްތަކުން ސައްހަ ނޫން (Fake) ގަރާޖު ސިޓީތައް އާންމުންނަށް ވިއްކައިގެން ބޮޑެތި މާލީ އޮޅުވާލުންތައް ހިންގައެވެ. ސަރުކާރުގެ ފަރާތުން ދާއިރު ސިޓީގައި ބުނާތަނުގައި ގަރާޖެއް ނުހުރެއެވެ. ނުވަތަ ލިޔެކިއުން އޮތް ގޮތުން އެތާކު އެކަމެއް ވާން ނުހުރެއެވެ. ނިކަމެތި މީހާ ދެއްކި ފައިސާ އަނބުރާ ހޯދޭގޮތެއް ނުވެއެވެ. އާންމު ރައްޔިތު މީހާއަށް އިތުބާރުކުރާނެ ފަރާތެއް ނޭނގެއެވެ. މުޅިންހެން ލިބެނީ ލަނޑެވެ.

 

"މިއީ މާލޭގެ ބިމުގެ ދަތިކަމުގެ ނާޖާއިޒު ފައިދާ ނަގައި، އާންމު ނިކަމެތި ރައްޔިތުންގެ އަތުން ފައިސާ އަތުލުމަށް އުފެދިފައިވާ ނިޒާމީ ސީރިއަލް ފަންޑްރޭޒިންގ އޮޕަރޭޝަނެކެވެ. ބޮޑެތި އިމާރާތް ތަކުގެ ފައުންޑޭޝަން އަޅަންވެސް މިގޮތަށް ފަންޑް ރެއިޒް އެބަކުރެއެވެ. މިގޮތަށް މިކަން އޮވެގެން ނުވާނެއެވެ. މިއީ ބޮޑު ގޯހެކެވެ."

 

ކޮންމެ މީހަކުވެސް މީގެ ގެއްލުން ތަހައްމަލުކުރޭ!

މި ގަވާއިދުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި އަތޮޅުތަކުން މާލެ ބަދަލުވި މީހުންނަކަށް ނޫނެވެ؛ މުޅި މުޖުތަމައު އަދި ސަރުކާރުވެސް މީގެ ނޭދެވޭ އަސަރު ތަހައްމަލުކުރެއެވެ:

 

  • އާންމު ރައްޔިތުން: އަމިއްލަ ބޭނުމަށް ނުވަތަ އާމްދަނީ ހޯދަން ޓެކްސީއެއް/ޕިކަޕެއް ގަންނަ މީހާއަށް އުޅަނދުގެ އަގުގެ އިތުރުން 180,000 ރުފިޔާގެ ނާޖާއިޒު އިތުރު ބުރައެއް އުފުލަންޖެހެއެވެ.

 

  • މަގުމަތީގެ ރައްކާތެރިކަން: ގަރާޖު ސިޓީ އޮތަސް އުޅަނދުތައް ޕާކުކުރަނީ މަގުމަތީގައި ކަމުން، ހިނގާބިނގާވެ އުޅޭ މީހުންނަށާއި އިމަރޖެންސީ ވެހިކަލްތަކަށް މަގުތައް ބަންދުވެއެވެ.

 

  • ސަރުކާރަށް ގެއްލޭ އާމްދަނީ: ގަރާޖު ސިޓީގެ ނަމުގައި އެތައް މިލިއަން ރުފިޔާއެއް އަމިއްލަ ވަކި ފަރުދުންގެ ޖީބަށް ވަންނައިރު، ސަރުކާރަށް މީގެން އެއްވެސް ޓެކްސްއެއް ނުވަތަ ފީއެއް ނުލިބެއެވެ.

 

ދުނިޔޭގެ ތޮއްޖެހިފައިވާ އެހެން ނުވަތަ ސިޓީތަކުން ހައްލު ހޯދާފައިވާ ގޮތް

ސިންގަޕޫރު ގައި ގެންގުޅޭ ސިޔާސަތު.

COE (Certificate of Entitlement) - ސަރުކާރުން ކޯޓާ ކަނޑައަޅައި ނީލަން ކިޔުން، ސަރުކާރަށް އާމްދަނީ ލިބި، އުޅަނދުތަކުގެ އަދަދު ކޮންޓްރޯލްވޭ.

ޓޯކިޔޯ (ޖަޕާން) ގައި ގެންގުޅޭ ސިޔާސަތު.

Shoko-shomei (ސައްހަ، އަމިއްލަ ޕާކިންގ ޖާގަ ކަށަވަރުކުރުން) މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުން

ލަންޑަން / ސްޓޮކްހޯމް ގައި ގެންގުޅޭ ސިޔާސަތު.

Congestion Charge (ސިޓީ ސަރަހައްދަށް ވަންނަ އުޅަނދުތަކުން ފީ ނެގުން) ސިޓީ ތެރޭގައި ދުއްވާ އުޅަނދުތައް މަދުވުން

ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނަށް ހުށަހަޅާ ހައްލުތައް.

މިއީ އެއްވެސް ބަޔަކަށް ކުށްވެރިކުރުމުގެ ބަދަލުގައި، ސަރުކާރާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ވިސްނާލަންވީ އަމަލީ ހައްލުތަކެކެވެ:


  1. ގަރާޖު ސިޓީގެ އުސޫލު އުވާލައި ސަރުކާރަށް ފީ ނެގުން:

އުޅަނދުތައް އޮންނަނީ މަގުމަތީގައި ކަމަށްވާތީ، އަމިއްލަ ފަރުދުންނަށް 180,000 ރުފިޔާ ދިނުމުގެ ބަދަލުގައި، ސަރުކާރުން "ވެހިކަލް ރެޖިސްޓްރޭޝަން ފީ" އެއްގެ ގޮތުގައި އެކަށީގެންވާ އަދަދެއް ނެގުން. އޭރުން އާމްދަނީ ލިބޭނީ ދައުލަތަށެވެ.


2.ޕާކިންގ އިމާރާތްތަކާއި ޖާގަ ކުއްޔަށް ދޫކުރުން:

ދައުލަތަށް ލިބޭ ފީ އިން މާލެއާއި ހުޅުމާލޭގައި ގްރީން/މަލްޓި-ސްޓޯރީ ޕާކިންގ ބިލްޑިންގތައް ހަދައި، މަހު ފީއަކަށް އުޅަނދުތަކަށް ޖާގަ ދޫކުރުން.


3. ޒަމާނީ COE (ސަރޓިފިކެޓް އޮފް އެންޓައިޓްލްމަންޓް) ސިސްޓަމެއް ގާއިމުކުރުން:

މާލޭގެ މަގުތަކަށް ކުޅަދާނަވާ މިންވަރު ބަލައި، އަހަރަކު ރަޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދު (Quota) ކަނޑައެޅުން.

 

4.    ހަމަހަމަކަން ގާއިމު ކުރުން.

މަގުމަތީގައި ބާއްވާ ކޮންމެ އުޅަނދަކާއި ދެތެރޭވެސް ކަނޑެއެޅޭ އެން އުސޫލަކުން އަމަލުކުރުން. ގަރާޖް ސިޓީ ލިބިފައިވިޔަސް އަދި ލިބިފައި ނެތަސް. ރަޖިސްޓްރީ ކޮށްދިނުމުގައިވެސް އެއްވެސް ބަޔަކަށް ތަފާތު ނުކުރުން. މިސާލަކަށް ހުޅުމާލޭގެ ބައެއް ފްލެޓް އޯނަރުންނަށް ވެހިކަލް ވަނީ ރަޖިސްޓްރީކޮށް ދީފައެވެ. އަނެއް ބަޔަކަށް އެފުރުސަތެއް ނެތެވެ.

  

ނިންމުން.

މާލޭގެ ގަރާޖު ސިޓީގެ މައްސަލައަކީ ހަމައެކަނި ޓްރެފިކް މައްސަލައެއް ނޫނެވެ. މިއީ އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތިކޮށް، ގާނޫނީ ލޫޕްހޯލްތަކުގެ ތެރެއިން ބަޔަކު މުއްސަނދިވާން ދޫކޮށްލެވިފައިވާ ނިޒާމެކެވެ. ސަރުކާރުން މި ބޭކާރު އުސޫލު ބަދަލުކޮށް، ދެފުށް ފެންނަ، އެންމެންނަށް އިންސާފުވެރި ސިޔާސަތެއް އެކުލަވާލުމަކީ މުޅި މުޖުތަމައުގެ ހައްގުގައި މިއަދު ކުރަންޖެހިފައިވާ ކަމެކެވެ.


  • މި މުހިންމު މައުލޫމާތު ތިބާގެ ރައްޓެހިންނަށް ފޯރުކޮށް ދިނުމަށް ސޯޝަލް މީޑިއާގައި ޝެއާކުރައްވާ!

 

  • ތިޔަބޭފުޅުންގެ ހިޔާލަކީ ކޮބާ؟ ގަރާޖު ސިޓީ އުވާލައި ސަރުކާރުން ސީދާ ޕާކިންގ ފީއެއް ނެގުމަށް ތާއީދު ކުރަންތޯ؟ ކޮމެންޓް ކުރައްވާ!
Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް