ތިނަދޫ ރޭޕް މައްސަލަ: ކުށް ސާބިތުވެއްޖެނަމަ މުވައްޒަފާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެމްކޯއިން ބުނެފި!
ގާފު ދާލު ތިނަދޫގައި ހިނގާދިޔަ ނުރައްކާތެރި ގްރޫޕް ރޭޕާއި ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފަކު ހިމެނޭތީ، އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް، އެ ކުންފުނިން އެކަމާ ގުޅޭގޮތުން ބަޔާނެއް ނެރެފިއެވެ.
ވެމްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޖިނާއީ ކުށްތަކާއި އިޖުތިމާއީ އަޚުލާގާ ޚިލާފު އަމަލުތަކަށް އެ ކުންފުނިން އެއްވެސް ވަރަކަށް ޖާގައެއް ނުދޭނެ ކަމަށެވެ. އަދި ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި ކުށް ސާބިތުވާ މުވައްޒަފުންނާމެދު ކުންފުނީގެ ގަވާއިދުތަކާއި ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދީފައިވެއެވެ. މީގެ ތެރޭގައި މުވައްޒަފު ވަޒީފާއިން ވަކިކުރުންވެސް ހިމެނޭކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ތިނަދޫއިން 9 ފިރިހެނުން ހައްޔަރުކޮށް، އެމީހުންގެ ވަނަވަރާއި ބަންދުގެ މުއްދަތު އާންމުކޮށްފައެވެ. ކޯޓުން ވަނީ އެމީހުންގެ ބަންދަށް އެކި މުއްދަތުތައް ދީފައެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ތިނަދޫ ވެމްކޯ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފަކު ހިމެނޭކަން މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މައްސަލައާ ގުޅިގެން ތިނަދޫގެ ގިނަ ރައްޔިތުންތަކެއް ވަނީ ނުރުހުން ފާޅުކޮށް، އިންސާފު ހޯދައިދިނުމަށް ގޮވާލައި އިހުތިޖާޖުވެސް ކޮށްފައެވެ. ފުލުހުންގެ ހާއްސަ އިންވެސްޓިގޭޝަން ޓީމަކުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
