މީރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ޝަފްނީޒް އައްޔަންކުރައްވައިފި؛ ދައުލަތުން ލިބެންޖެހޭ ފައިސާއިން ޓެކްސް ދެއްކޭ އުޞޫލަށް ޢަމަލުކުރަން ފަށައިފި!
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ސ. ހުޅުދޫ، ބަގީޗާގެ، އަޙްމަދު ޝަފްނީޒް އިއްޔެ ރަސްމީކޮށް އައްޔަންކުރައްވައިފިއެވެ. މީރާގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ޝަފްނީޒް މި މަޤާމަށް އައްޔަންކުރެއްވީ، ރައްޔިތުންގެ މަޖިލީހުން 55 މެންބަރުންގެ ވޯޓާއެކު އޭނާގެ ނަންފުޅު ފާސްކުރުމާ ގުޅިގެންނެވެ. ކުރިން މީރާގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރައްވަމުން ގެންދެވި ޝަފްނީޒް މި މަޤާމަށް ހަމަޖެއްސެވީ، ކުރިން އެ މަޤާމުގައި ހުންނެވި ފާޠިމަތު ޢާމިޒާ މީރާގެ ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އިސްކުރެއްވުމާ ގުޅިގެން ހުސްވި މަޤާމަށެވެ.

މީގެ އިތުރުން، އަމިއްލަ ވިޔަފާރިތަކަށް ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން (އެސްއޯއީ) ލިބެންޖެހޭ ފައިސާގެ ތެރެއިން މީރާއަށް ދައްކަންޖެހޭ ޓެކްސް އަދި ޓެކްސް ނޫން ފައިސާ ހަމަޖައްސައިދެވޭނެ ޚާއްޞަ އުޞޫލެއް އެކުލަވާލައި، އެ އުޞޫލަށް ޢަމަލުކުރަން ވަނީ ފަށާފައެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ސަރުކާރުން ވެފައިވާ ވައުދެއް ފުއްދުމުގެ ގޮތުން ތަޢާރަފުކުރި ނިޒާމެކެވެ.
މި ނިޒާމުގެ ދަށުން ޓެކްސް އޮފްސެޓް ކުރުމަށް އެދި ހުށަހަޅަންޖެހޭނީ މީރާގެ ކަނޑައެޅިފައިވާ ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލް ފޯމަކުންނެވެ. އަދި ޓެކްސްގެ ލުއި ލިބިގެންދާނީ ކަމާބެހޭ ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން އެ ފައިސާ ދައްކަންޖެހޭކަން ކަށަވަރުކޮށް، މީރާއަށް ލިޔުމުން އެކަން އެންގުމަށްފަހުގައެވެ. މީރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އުޞޫލުގެ ސަބަބުން ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ޤަވާއިދުން ނުދެއްކި އިތުރުވާ ޖޫރިމަނާތަކުން ސަލާމަތްވުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.
