މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހުރެ ސްރީލަންކާގައި ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި!
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ސްރީލަންކާގައި ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކާއި ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައިސްފައިވާ ލޮޅުންތަކުގެ ސަބަބުން ލަންކާއަށް ތެޔޮ އެތެރެކުރުމަށް ކުރަންޖެހޭ ހަރަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ސްރީލަންކާގެ ސަރުކާރުން ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ސާމް މުދަލާއި ސޫދާގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން ޤައުމީ ފެންވަރުގައި ތެލުގެ އަގުތަކަށް ބަދަލު ނުގެނެސް ހިފެހެއްޓުމަކީ ދަތިކަމެއް ކަމަށެވެ.
ސްރީލަންކާގެ ސެންޓްރަލް ބޭންކުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، ތެޔޮ އެތެރެކުރުމަށް ކުރާ ހޭދަ އިތުރުވުމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އާންމު ދަތުރުފަތުރާއި، ކާބޯތަކެއްޗާއި އެހެނިހެން ޚިދުމަތްތަކުގެ އަގުުތައް އުފުލި، އާންމުންގެ ދިރިއުޅުމުގެ ޚަރަދުތައް އިތުރަށް ބޮޑުވެގެންދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
މި ހާލަތުން އާންމުންނަށް ލިބޭ ލުއިކޮށްދިނުމުގެ ގޮތުން، ސްރީލަންކާ ސަރުކާރުން ވަނީ ކަރަންޓު ބިލުތަކަށް އިނާޔަތް ދިނުމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ އެހީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

